ސާކް ޗެމްބަރު އޮފް ކޮމާސްގެ ރައީސަކަށް އާސިފް

ސައުތު އޭޝިޔާ ގައުމު ތަކުގެ ވިޔަފާރި ޖަމިއްޔާތައް ތަމްސީލްކުރާ ސާކް ޗެމްބާ އޮފް ކޮމާސްގެ ރައީސަަކަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ނައިބް ރައިސް އިސްމާއީލު އާސިފް ހޮވައިފި އެވެ.
އާސިފް މިމަގާމަށް ހޮވީ އިއްޔެ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ސާކް ޗެމްބާ އޮފް ކޮމާސްގެ 60 ވަނަ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ސާކްގެ އަށް ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާތައް ހިމެނޭ ސާކް ޗެމްބާ އޮފް ކޮމާސްގެ ރައީސަކަށް އާސިފް ހޮވުމާއި ގުޅިގެން ކުރިއަށް އޮތް ދެ އަހަރު މިޖަމިއްޔާގެ ރިޔާސަތު ބަލަހައްޓަވާ ޖަމިއްޔާ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ އޭނާ އެވެ.
ވީނިއުސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާސިފް ވިދާޅުވީ ސާކް ޗެމްބާ އޮފް ކޮމާސް އަކީ ވަރަށް ބޮޑަށް ހިންގުން ހަރުދަނާކުރަން ޖެހިފައިވާ ޖަމިއްޔާއަކަށް ވާތީ އެކަމަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.
ސާކް ސަރަހައްދަކީ ވިޔަފާރީގެ އެތައް މުއަމަލާތެއް ކުރެވޭނެ ސަރަހައްދަކަށްވާތީ ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ވަރުގަދަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭނާއަކީ ދިވެއްސަކަށް ވާތީ މިޖަމިއްޔާ މެދުވެރިކޮށް ދިވެހިރާއްޖޭގެ އިގްތިސާދު ރަގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސާކް ޗެމްބާ އޮފް ކޮމާސްގެ ރައީސް ކަން މީގެ ކުރިން ކުރައްވާފައިވާ ހަމައެކަނި ދިވެއްސަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި ވިލާ ގުރޫޕުގެ ބާނީ ގާސިމް އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ