ހެލްތް މިނިސްޓަރު ޑރ.ޖަމްޝީދަށް އިތުބާރެއް ނެތް: އަހުމަދު

މިހާރު ހެލްތް މިނިސްޓަރަކަށް ހުންނެވި ޑރ.އަހްމަދު ޖަމްޝީދަކީ އެމަގާމަށް ގާބިލް ބޭފުޅެއް ނޫންކަމަށާއި އޭނާއަށް އިތުބާރު ނެތްކަމަށް ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ވިދާޅުވެއްޖެއެވެ.
ތެލްސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ އެތައް ހިދުމަތްތަކެއް މެދުކެނޑިފައިވާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި ވާހަކަ ދައްވަމުން ރައީސް ވަހީދުގެ ޕާޓީއަށް ދާދިފަހުން ސޮއިކުރައްވާފައިވާ ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ވިދާޅުވީ ޑރ.ޖަމްޝީދަށް ރާއްޖޭގެ ހެލްތް މިނިސްޓްރީ ހިންގޭނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި އޭނާއަށް އިތުބާރު ނެތްކަމަށް ވޯޓްވެސް ދެއްވާނެކަމަށް އަހްމަދު މޫސާ ވިދާޅުވިއެވެ.
"ވާހީދު މިވެރިކަމާއި ހަވާލުވެގެން އޭނައަށް ވަޒީރުކަން ދީގެން އަޅުގަނޑު ހިލާލީ ގޭތެރޭގައި ޒުވާބު ކުރިން. ޑޮކްޓަރުންނަކަށް މެނޭޖްމަންޓެއް ނުހިންގޭނެ، އެމިހުންނަށް ބެލޭނީ މީހުން. ޖަމްޝީދަށް އިތުބާރު ނެތްކަމަށް އަޅުގަނޑު ވޯޓްލާނަން،" އަހްމަދު މޫސާ ވިދާޅުވިއެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒު ވިދަޅުވީ ސަރުކާރުގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުމުން ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުކުރައްވާ ކަމަށާއި ތެލްސީމިއާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދޭނެކަމަށް ޑރ.ޖަމްޝީދު ކުރިންވެސް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެގޮތަށް ސަރުކާރުގެ ވެރިން ކަންކަން ކުރެއްވުމުން ސަރުކާރު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި އެފަދަ މައްސަލަތަކުގައި އެއްވެސް ފިޔަވަޅެއް ނޭޅުއްވާތީ ކަންބޮޑުވާކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.
"އިއްޒަތްތެރި މެންބަރު ތި ފާހަގަކުރެއްވީ ވަރަށް ރަނގަޅު ނުކުތާއެއް... ރޭގައި އެތަނުގައި މިކޮމިޓީގެ ނައިބް މުގައްރިރު (ކުރެންދޫ ދާއިރާގެ މެންބަރު)ވެސް އުޅުއްވި އަދި ބައެއް އިދިކޮޅު އެހެން މެންބަރުންވެސް އުޅުއްވި ނޭނގޭ ކީއްކަމެއް ކުރީ. ދެން ހިތް ހަމަ ނުޖެހޭކަމަށް ވާނަމަ ވަޒީރުން ބަދަލުކުރުމުގެ ފުރުސަތުވެސް ތި ބޭފުޅުންނަށް އެބަ އޮވޭ،" ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރުވެސް ތެލްސީމިއާއި ތިން ކުދިން ގޮވައިގެން ދިރިއުޅުއްވަމުން ގެންދަވާ ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސާ ވިދާޅުވީ 2009 އަކުން ފެށިގެން އެތަނަށް އެއްވެސް ބަޔަކު ސަމާލުކަން ދީފައި ނުވާކަމަށެވެ. އަހްމަދު މޫސާ ވިދާޅުވީ މިހާރުވެސް ފިލްޓަރު ފަދަ ތަކެތި ލިބޭކަމަށާއި ނަމަވެސް ބައެއް ތަކެތި ނުލިބޭ ފަހަރުވެސް ދާކަމަށެވެ.
ކޮމިޓިގެ ބައެއް މެންބަރުން ވިދާޅުވީ މިހާތަނަށް މައުލޫމާތު ސާފްކުރި ކުރިމުން އެސްޓީއޯގައި ތަކެތި ހުރި އެތަނަށް ތަކެދި ދޫނުކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ