ވިލާ ކޮލެޖުން ދައްކަންޖެހޭ ފައިސާގެ މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރަނީ

ވިލާ ކޮލެޖްގެ ކިއުއައި ކެމްޕަސްގައި ކޮށްފައިވާ މަސައްކަތުގެ އަގަށްވާ ފައިސާއާއި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބޭރުގައި ނިންމަށްޓަކައި ވާހަކަދެކެވެމުންދާތީ ސިވިލް ކޯޓުގައި އިއްޔެ ބާއްވަން ތާވަލްކޮށްފައިވާ އެމައްސަލާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ސިވިލް ކޯޓުގައި އެ މައްސަލަ ބައްލަވާ ސެކްޝަނުން ބުނީ އިއްޔެ އެކޯޓަށް އެ މައްސަލައާ ގުޅޭ ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެސިޓީއާއި ގުޅިގެން އިއްޔެގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އެ މައްސަލާގައި ހިމެނޭ ދެފަރާތް އެދިގެންކަމަށްވެސް ކޯޓުން ބުނެއެވެ.
ސިވިލް ކޯޓަށް ބ. ކެންދޫ ގަދަގޭ އަހުމަދު ޖިހާދު އަބްދުﷲ ހުށަހަޅާފައިވާ މައްސަލާގެ ދައުވާގައި އެދިފަވަނީ ވިލާ ކޮލެޖުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރުމަށްފަހު އެމަސައްކަތަށްވާ ފައިސާއާއި އެފައިސާ ނުލިބުމުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 27 މިލިޔަން ރުފިޔާ ހޯދާދެއްވުށެވެ.
ޖިހާދުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ ވިލާ ކޮލެޖުން ޖިހާދުއަށް ދައްކަންޖެހޭ ފައިސާގެ މައްސަލާގައި މިހާރު ދެފަރާތުން ވާހަކަ ދައްކަވަމުން ދާކަމަށާއި ކޯޓުން ބޭރުގައި އެ މައްސަލަ ނިންމަން ބޭނުންވާކަމަށް ވިލާ ކޮލެޖުން އެދިފައިވާ ކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ދެފަރާތުގެ އެދުމުގެ މަތީން ކެންސަލް ކުރީ ކަމަށެވެ.
"އެބޭފުޅުން މިހާރު ބޭނުންވަނީ ކޯޓުން ބޭރުގަ އެ މައްސަލަ ނިންމަން. މިހާރު ވާހަކަ ދެކެވެމުން ދަނީ. އެހެންކަމުން މިއަދު ކޯޓުގައި އޮތް އެމައްސަލާގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ،" ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވިއެވެ.
އެ މައްސަލާގެ ދައުވާގައި ބުނެފައިވަނީ އެމަސައްކަތްތައް ކޮށްފައިވަނީ 2010 ވަނަ އަހަރު ކަމަށާއި އެމަސައްކަތްތަކުގެ ޖުމްލަ އަގަކީ 1.34 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް އެފައިސާ މިހާތަނަށް ބިލިފައިނުވާތީ ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން މަސައްކަތުގެ އަގަށްވާ 1.34 މިލިއަން ރުފިޔާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 25.98 މިލިއަން ރުފިޔާ، އެކުޖުމްލަ 27.32 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ