ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރަން ވެސް އަދި ދޫކޮށްލަން ވެސް އަމުރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު ތޮހްހަތު އިބްރާހިމް ކަލޭފާނު އޭނާގެ މައްޗަށް އުފުލިފައިވާ ދައުވާއިން ސަލާމަތް ވާން މަސައްކަތްޕުޅު ކުރައްވަވައިފިއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ މިއަދު އޮތް ޠަލްހަތުގެ ޝަރީއަތުގައި ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓަށް އަމަލުކުރުން ހައި ކޯޓުން ފަސްކުރުމުން އަބްދުﷲ ގާޒީ ހައްޔަރުކުރަންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެންގެވުމުން ސިފައިންނަށް އެކަން އޮގޮތައް ކުރުމަށް އަމުރު ކުރި ކަމަށް ތޮލްހަތު ވިދާޅުވި އެވެ. އަދި އިތުރަށް ޠަލްހަތު ވިދާޅުވީ އެއަމުރު އޭނާ ކުރި ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ވެސް އަދި ދޫކޮށްލުމަށް ވެސް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޠަލްހަތު އަބުދުއްﷲ ގާޒީ ހައްޔަރު ކުރިކަމަށް ބުނެ ކުރާ ދައުވާ ގައި އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ކުރެއްވެން އޮތް ހަމައެކަނި ކަމަކީ އަބްދުﷲ ގާޒީއަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ބަރާބަރަށް ހަމަޖައްސަވައިދިނުން ކަމަށާއި އެކަން އެގޮތަށް ކުރައްވާފައިވާނެ ކަމަށެވެ.
ތޮލްހަތުގެ ވާހަކަތަކަށް ފަހު ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާގެ ގިނަ ކަންތައްތަކަށް ތޮލްހަތު އަމިއްލަފުޅަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް އާއި މަޝްވަރާ ކުރަން ބޭނުންވާކަމަށާއި އެހެންކަމުން ވަކިއެއްޗެއް އެންގުމުން ނޫނީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ނުބޭއްވުމަށް ވެސް ދައުލަތުގެ ވަކީލް އެދިވަޑައިގަތެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހުން މިކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހެޅި ހެއްކެއް ކަމަށްވާ ފަސްޓް ލެފްޓިނެންޓް އަލީ އިހްސާންގެ ހެކިބަސް ނަގާފަ އެވެ. އޭނާ އަކީ ޠަލްހަތު ޑިފެންސް މިނިސްޓަރަކަށް ހުރި އިރު ޠަލްހަތުގެ ސެކެޓުރީގެ މަގާމުގައި ހުރި މީހެކެވެ.
ހެކިބަސް ދެމުން އިހްސާން ބުނީ އަބްދުﷲ ގާޒީ ދޫކޮށްލުމަށް ކޯޓުތަކުން އަމުރު ނެރެފައި ވަނިކޮށް ކިތަންމެ ބޮޑު ހުކުމެއް އަޔަސް އޭނާ ދޫކޮށްލެވެން ނެތްކަމަށް އޭނާ ކައިރީ ތޮލްހަތު ވިދާޅުވެފައިވާ ކަމަށެވެ.
އިހުސާން އިތުރަށް ބުނީ އަބްދުﷲ ގާޒީ ބަންދުކުރި އޮޕަރޭޝަންގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކަމަށާއި އޭނާ އަށް އަމުރު ކުރީ ނަޝީދާއި ތޮލްހަތު ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް އިއުލާންކޮށްފަ އެވެ
ގާޒީ ބަންދު ކުރުމުގެ ޒިންމާ ނަޝީދުގެ ބޮލަށް ޖައްސަވާ ޠަލްހަތު ރެކިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ