އިރުގެ ހަކަތަ ބޭނުންކޮށްގެން 29 ރަށެއްގައި ކަރަންޓް ދިނުމަށް ނިންމައިފި

ރާއްޖޭގެ ކުދި ބައެއް ރަށްތަކުގައި ކަރަންޓުގެ ހާލަތު ދަށްވުމާ ގުޅިގެން، އޭގެ ތެރެއިން 29 ރަށެއްގައި އިރުގެ ހަކަތަ އިން ކަރަންޓް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ރަށްތަކުގައި އިރުގެ ހަކަތަ އިން ކަރަންޓު ދޭ ނިޒާމް ގާއިމްކުރުމަށް ކަނޑައަޅާފައިވާ މަޝްރޫއާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިދިޔަ މަހު ފަހުކޮޅު މަޝްވަރާކުރުމަށް ފަހު، ނިންމާފައިވަނީ އިރުގެ ހަކަތަ އިން ކަރަންޓް ދިނުމުގެ މަޝްރޫއު ފުޅާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށް، އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައި ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައިވާ ގޮތުގައި، ހއ. މޮޅަދު އާއި ބާރަށާއި ތުރާކުނާއި މުރައިދު އާއި ތަކަންދު އާއި ހދ. ހިރިމަރަދު އާއި ށ. މާއުނގޫދު އާއި ޅައިމަގާއި ނޫމަރާ އާއި ހެނބަދު އާއި ފޮއްދު އާއި ނ. މަގޫދު އާއި ރ. ފައިނާއި އިނގުރައިދު އާއި މ. ދިއްގަރާއި ރަތްމަންދޫގައި ހަކަތަ އިން ކަރަންޓު ދޭގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ފ. ދަރަނބޫދު އާއި ދ. ބަނޑިދު އާއި މާއެނބޫދު އާއި ތ. މަޑިފުއްޓާއި ގާދިއްފުއްޓާއި ބުރުންޏާއި ދިޔަމިގިއްޔާއި ތިމަރަފުށި އަދި ލ. ގަމު މުކުރި މަގާއި މަތިމަރަދޫ އަވަށާއި އެ އަތޮޅު ގާދު އާއި އިސްދު އާއި ކުނަހަންދޫގައި ވެސް އެ މަޝްރޫއު ކުރިއަށްގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
ވަޒީރުން މަޝްވަރާކުރެއްވި ގޮތުގައި ބައެއް ރަށްރަށުގައި ކަރަންޓް ދިނުމުގެ ކުދި ނިޒާމް ގާއިމްކޮށްފައިވާތީ ކަރަންޓް ބޭނުންކުރެވޭ އަދަދު މަދުވެ އެވެ. އެހެންކަމުން އެ ރަށްރަށުގައި ކަރަންޓް އުފައްދަންޖެހެނީ ވަރަށް ބޮޑު އަގެއްގައި ކަމަށް ވެސް ވަޒީރުން ފާހަގަކުރައްވާފައިވެ އެވެ.
އެހެންކަމުން އޭގެ ހައްލަކީ އިރުގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓް ދިނުން ކަމަށް ވަޒީރުންނަށް ފެނިވަޑައިގެން، އެ މަޝްރޫއު ބީލަމަށް ލައިގެން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ