ލޯކަލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭންގެ ސްޕޯކްސްޕާސަނަކަށް ޑރ. ޝަހީދު ހަމަޖައްސައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕޭންގެ ސްޕޯކްސްޕާސަނަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިނުގެންނެވުމުން ފޮރިން މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވި ޑރ. އަހުމަދު ޝަހީދު ހަމަޖައްސައިފި އެވެ.
އެމްޑީޕީން ބުނިގޮތުގައި އެ ޕާޓީގެ ނައިފަރު ދާއިރާގެ ރައީސް ޑރ. ޝަހީދު އެ މަގާމަށް ހަމަޖެއްސެވީ ޕާޓީގެ ކެމްޕޭން އެކްޒެކެޓިވް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޕާޓީގެ ގައުމީ މަޖިލީހުން އައްޔަންކޮށްފައިވާ އެ ކޮމެޓީގައި ތިއްބަވަނީ ޗެއާޕާސަން މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މާރިޔާ އަހުމަދު ދީދީ އާއި ޕާލިމެންޓްރީ ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކާއި ޕާލިމެންޓްރީ ގުރޫޕުގެ ނާއިބު ރައީސް ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ޕާލިމެންޓްރީ ގުރޫޕުގެ އަމީން އާންމު ހާމިދު އަބްދުލް ޣަފޫރާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އަބްދުލް ޣަފޫރު މޫސާ އާއި އެމްޑީޕީގެ މުލަކު ދާއިރާގެ ރައީސް އަހުމަދު ޝަފީގު އަދި ކާށިދޫ ދާއިރާގެ ރައީސް ދޮންބިލެތް އަހުމަދު ހަލީމެވެ.
ވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް ޑރ. ޝަހީދު ވިދާޅުވެފައި ވަނީ އޭނާ ހުންނަވާނީ އަބަދުވެސް އެމްޑީޕީގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ