ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކެއް ހަސީން ހާމަކުރައްވައިފި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ ބައެއް މައްސަލަތައް އެ ކޮމިޝަނުގެ މެންބަރު އަބްދުﷲ ހަސީން ރޭ ހާމަ ކުރައްވައިފި އެވެ.
އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން ލޮނުޒިޔާރަތްކޮޅުގައި ކުރަމުންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ކުރެވޭ ކޮރަޕްޝަނަށް ތުހުމަތުތަކެއްގެ ވާހަކަ އެވެ. އަދި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރެއްވި ބައެއް ބޭފުޅުންގެ ވާހަކަ ވެސް ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެ މައްސަލަތަކަކީ އަދުލުވެރި ފަނޑިޔާރުގެއަކުން ބަލައިފި ނަމަ ސާބިތުވާނެ މައްސަލަތައް ކަމަށެވެ.
ހަސީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ތިން މައްސަލައެއް ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ ކަމަށެވެ. އެގޮތުން ސްޓެލްކޯގެ އާ އިމާރާތުގެ ބިޑިންގެ ޕްރޮސެސްގައި ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކަކާއި އޮޅުވެލި ރިސޯޓު ގަތުމަށް ޔާމީންގެ ވިޔަފާރީގެ ބައިވެރިއަކަށް އެޕްރޫވްނުކޮށް ސްޓެލްކޯއިން 16 މިލިއަން ރުފިޔާގެ ލޯނެއް ދޫކުރި މައްސަލައެއް ހިމެނޭ ކަމަށް ހަސީން ވިދާޅުވި އެވެ. އެ ކަންތައްތަކުގައި ޔާމީންގެ ބައިވެރިވުން ހިމެނޭ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްސަލަތަކެއް ކޮމިޝަނުން ތަހުގީގު ކުރި ކަމަށް ހަސީން ވިދާޅުވި އެވެ. ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމަށް ނާޒިމާ ގުޅުން ހުރި ކުންފުންޏަކަށް ދިން މައްސަލައަކާއި ބައެއް ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި ނާޒިމްގެ ކުންފުންޏަކުން މަކަރާއި ހީލަތުން ބައެއް ކަންކަން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ހަސީން ވިދާޅުވި އެވެ. ބައެއް ރަށްރަށުގައި ކަރަންޓު ދިނުމަށް އެ ކުންފުނިން އިންޖީނު ބެހެއްޓިއިރު ބަހައްޓާފައި ހުރީ ހަލާކުވެފައި ހުރި ނުވަތަ ބާ އިންޖީނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މައްސަލަތަކުގައި ނާޒިމްގެ ބައިވެރިވުން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހަސީން ވިދާޅުވި އެވެ.
ކ. ފުނަދޫގެ ތެޔޮ ޕްލާންޓުން ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ބަޔަކު ލައްވައި ތެޔޮ ވަގަށް ނަގުވައި، އޭނާ އެ ތެޔޮތައް ނުއަގުގައި ގަތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކޮމިޝަނުން ތަހުގީގުކުރި ކަމަށް ހަސީން ވިދާޅުވި އެވެ. އެ މައްސަލައިގައި ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށް ރިޔާޒް ރަޝީދު "ކަމިޝަން" ދީފައިވާ ކަމަށް ތުހުމަތުކުރެވޭ ބައެއް ހެކިތައް ވެސް އެ ކޮމިޝަނުން ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރަކަށް ގާސިމް ހުންނަވައިގެން ޓެންޑާގެ އުސޫލުތަކާ ހިލާފަށް މާލެއިން ދެ ބިމެއް ހޯދާފައިވާ ކަމަށް ބެލެވޭ މައްސަލައެއް ވެސް ރިޔާސީ ކޮމިޝަން ބެލި ކަމަށް ހަސީން ވިދާޅުވި އެވެ. އެއީ މާލޭގެ 3،000 އަކަފޫޓުގެ ބިމަކާއި ވިލާ ޕެޓްރޯލް ޝެޑް ހަދާފައި ހުރި ބިން ކަމަށް އޭނާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޮޑެތި އަދަދުތަކުގެ ލޯނުތައް ނެގުމަށާއި ލޯނުގެ މުއްދަތު އެކްސްޓެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ފޯޖް ޑޮކިއުމެންޓްތަކެއް ހުށަހަޅުއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހަސީން ވިދާޅުވި އެވެ. އެ މައްސަލަ ވެސް ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ގެ ބައެއް މައްސަލަތައް ވެސް ކޮމިޝަނުން ތަހުގީގު ކުރި ކަމަށް ހަސީން ވިދާޅުވެފައިވެ އެވެ އެގޮތުން އެޓޯލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައި ހުރި ބައެއް ކަންކަމުގެ އިތުރުން އަތޮޅު ފިހާރަތައް ކުއްޔަށް ދިނުމުގައި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަމަށާއި އެކަންކަމުގައި ސަލީމް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހަސީން ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަތޮޅު އޮފީހަކާ ހަވާލު ހުންނަވައި އެ އޮފީހުގެ ބައެއް މުދަލާއި ތަކެއްޗަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހަސީން ވިދާޅުވި އެވެ. އެ މައްސަލަ ކުރީގެ އެންޓި ކޮރަޕްޝަން ބޯޑުން ބެލި ކަމަށާއި ނަމަވެސް ކުޑަ ޖޫރިމަނާއެއް ކޮށްފައި ރައީސް މައުމޫން އެ މައްސަލަ ނިންމާލެއްވީ ކަމަށާއި އެގޮތަށް ކަންތައް ނުކުރެއްވޭނެ ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ އެ މައްސަލަ ކޯޓަކަށް ހުށަހަޅައިފި ނަމަ އަބްދުއްރަހީމަށް ބޮޑު ހުކުމެއް އަންނާނެ ކަމަށެވެ.
ކުރީގެ ރައީސް މައުމޫންގެ ގިނަ މައްސަލަތަކެއް ރިޔާސީ ކޮމިޝަނުން ބެލި ކަމަށް ވެސް ހަސީން ވިދާޅުވެފައިވެ އެވެ. އެއާ މޯލްޑިވްސް ބަނގުރޫޓުވި މައްސަލަ އާއި ނިކަމެތިންނަށް ދޭން ކަނޑައަޅާފައި ހުރި ފައިސާ މައުމޫންގެ ބައެއް ގާތް ތިމާގެ މީހުންނަށް ދެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޔާސީ ކޮމިޝަނުން ބެލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކި އަހަރު މަތިން މައުމޫން ހިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދު އެއް ބިލިއަނަށް ވުރެ މަދު ނޫން ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ.
މައުމޫންގެ ބޭބޭފުޅު އަބްދުﷲ ހަމީދު އެޓޯލްސް މިނިސްޓަރަކަށް ހުންނެވިއިރު އެ މިނިސްޓްރީގެ ތެރެއިން ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކޮރަޕްޝަންގެ މައްސަލަތަކެއް ކޮމިޝަނުން ބެލި ކަމަށް ވެސް ހަސީން ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުން ހިންގި ކުންފުންޏެއް ކަމަށްވާ އޭޓީސީ ބަނގުރޫޓުވި މައްސަލައިގައި ވެސް އަބްދުﷲ ހަމީދުގެ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިގެން އެކަންތައް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު އަދި މައުމޫންގެ އާއިލީ ބޭފުޅެއް ކަމަށްވާ އިލްޔާސް އިބްރާހިމް ހިންގަވާފައި ހުރި ކަމަށް ބެލެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެ ކޮމިޝަނުން ބަލާފައިވާ ކަމަށް ވެސް ހަސީން ވިދާޅުވި އެވެ. އެގޮތުން ކޯޓުތެރެއަށް ނުފޫޒު ފޯރުވައިގެން ދިއްދޫ އިބްރާހިމް ކަލޭގެފާނުގެ ބިންތަކެއް އިލްޔާސް ބައްލަވައިގެންފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކޮމިޝަނުން ބެލި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ