ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފޮނުވާ މައްސަލަތައް ބަލައިނުގަންނަތާ ތިން ދުވަހަށް ފަހު އަނެއްކާ ވެސް މައްސަލަތައް ބަލައިގަތުން ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މައްސަލަތައް އަލުން ބަލައިގަންނަން ފެށީ ކޯޓުތަކުގެ ގާނޫނު ފާސްވުމާއެކު، އެ ކޯޓަށް ގެންނަންޖެހޭ އިދާރީ ބަދަލުތައް ނިންމުމަށް ފަހު ކަމަށެވެ. އަދި މިހާރު މައްސަލަތައް ބަލައިގަންނާނެ ކަމުގެ ސިޓީ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުގެ މަތިން ގެންނަންޖެހޭ ހުރިހާ އިދާރީ ބަދަލުތަކެއް ގެނެސް މި ނިމުނީ. މިހާރު އަޅުގަނޑުމެން ޕީޖީ އޮފީހަށް ސިޓީ ފޮނުވާފައިވާނީ މައްސަލަތައް ބަލައިގަންނާނެ ކަމަށް،" ކޯޓު އޮފިޝަލް ވިދާޅުވި އެވެ.
ކޯޓުތަކުގެ ގާނޫނު ފާސްވުމާ އެކު ހުރިހާ ކޯޓުތަކަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެ ގޮތުން މަދަނީ ކޯޓު ސިވިލް ކޯޓަށް، ޖިނާއީ ކޯޓު ކްރިމިނަލް ކޯޓަށް، ކުޑަކުދިންނާ ބެހޭ ކޯޓް ޖުވެނައިލް ކޯޓަށް އަދި އާއިލާއާ ބެހޭ ކޯޓު ވަނީ ފެމިލީ ކޯޓުގެ ނަމަށް ބަދަލުވެފަ އެވެ. އަދި އެ ކޯޓުތަކުގެ ގާޒީންނާއި މުވައްޒަފުންނާއި އެ ކޯޓުތަކުގެ މަސައްކަތް ވެސް އެ ކޯޓުތަކަށް ބަދަލުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ