އަސްލަމް ދެއްކެވީ ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށް ބުނެ ހައި ކޯޓުން އެކަން ކުށްވެރިކޮށްފި

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ހައި ކޯޓާ ބެހޭ ގޮތުން ދެއްކެވީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތެއް ކަމަށް ބުނެ ބުރާސްފަތި ދުވަހު އެ ކޯޓުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.
އަސްލަމް ޝާކިރު ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ލޯނު ދޭން ހުރި ފައިސާ ވަގުންގެ އަތުގައި ބަހައްޓައިގެން ހައި ކޯޓުން ރައްޔިތުން ނިކަމެތިކޮށްފައިވާ ކަމަށެވެ.
ހައި ކޯޓުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަސްލަމް ޝާކިރު ދައްކަވާފައި ވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތަކެއް ކަމަށާއި އެއީ އަހުލާގީ ގޮތުން ވަރަށް ދަށު ދަރަޖައިގެ ވާހަކަތަކެއް ކަމަށެވެ. އަދި ކޯޓެއްގެ ނުވަތަ ފަނޑިޔާރެއްގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށާއި ކޯޓުތަކުގެ ހައިބަތާއި ކަރާމާތް ގެއްލޭ ގޮތަށް ވާހަކަ ދެއްކުމަކީ ޖިނާއީ ކުށެއް ކަމަށް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
އިއުލާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަނޑައެޅިގެން ގަސްދުގައި ވާހަކަ ދެއްކުމަކީ ޑިމޮކްރެޓިކް އުސޫލުތަކާއި މިނިވަން މުއައްސަސާތަކަށް ނުރައްކާކޮށްފާނެ ޖަރީމާއެއް ކަމަށެވެ.
"... އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ދެކޮޅަށް ފާޅުގައި އެފަދަ ޖަރީމާއެއް ހިންގުމުގެ ފުރުސަތު މި ލޮބުވެތި ފަސްގަނޑުގައި އެއްވެސް ފަރާތަކުން ލިބިގަނެ އެއްވެސް ފަރާތަކުން ހިތްވަރުދީ ހެދުމަކީ އެކަމާ މެދު ދިވެހިރާއްޖޭގެ ހައި ކޯޓާއި ރައްޔިތުންގެ މެދުގައި އަދުލް އިންސާފު ގާއިމް ކުރުމުގެ މުގައްދަސް މަސްއޫލިއްޔަތާ ގާނޫނީ ގޮތުން ހަވާލުވެފައިވާ ފަރާތްތަކުން އިންތިހާ ދަރަޖަ އަށް ކަންބޮޑުވެ ހިތާމަކުރާ ކަމެއް،" އެ އިއުލާނުގައިވެ އެވެ.
ކޯޓުތަކަކީ މިނިވަން މުސްތަގިއްލު ތަންތަނަށް ހަދައި ކޯޓުތައް ނުފޫޒުން އެއްކިބާ ވެފައިވާ ތަންތަނަށް ހެދުމަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށާއި ދައުލަތުގެ ކަންތައްތައް ހިންގުމަށް ހަވާލުވެ ތިބި އެންމެހާ ފަރާތްތަކަށް ހައި ކޯޓުން ވަނީ ގޮވާލައިފަ އެވެ.
ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އަބުރު ނަގާލާފައިވާ ކަމުގެ ކުށް އަސްލަމް ޝާކިރުގެ މައްޗަށް މީގެ ކުރިން ވަނީ ސާބިތުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ