މަހުގެ ކަރަންޓު ބިލު ނުދައްކަން އިދިކޮޅުން ގޮވާލައިފި

ފާއިތުވި ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާތީ މިމަހު އެއްވެސް ރައްޔިތަކު ކަރަންޓް ބިލް ނުދެއްކުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ނިމާލް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ މާލީ ފުއްދުންތެރިކަން ނެތް ވަގުތެއްގައި އޮޅުވާލުމުގެ ތެރެއިން ބޮޑު ބިލެއް ފޮނުވުން ގަބޫލު ނުކުރެވޭނެ ކަމަށާއި މިއީ ރައްޔިތުން ބިކަހާލުގައި ޖެއްސުމަށް ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
އަދި މިއީ އެނގުމުގެ ތެރެއިން ކޮށްފައިވާ ވައްކަމެއް ގެ ގޮތުގައި ސިފަކޮށް ނިމާލް ވަނީ މި މަހުގެ ބިލު އެއްވެސް ރައްޔިތަކު ނުދެއްކުމަށްގޮވާލާފައެވެ.
އިދިިކޮޅު ކޯލިޝަނުން ވަނީ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީއާ ބައްދަލް ކުރުމަށްވެސް އެދިފައެވެ.
ކަރަންޓު ބިލް ބޮޑުވި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު ސްޓެލްކޯ އިން ބުނެފައިވަނީ ޖޫން މަހުގެ ބިލް އެހާ ބޮޑުވެފައިވަނީ ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. އަދި ގިނަ ކަންބޮޑުވުންތަކަކާއި ފާޑުކިޔުންތަކަކަށް ފަހު ސްޓެލްކޯ އިން ވަނީ ޖޫން މަހުގެ ބިލް ވެސް ސަބްސިޑައިސް ކޮށް 40 އިންސައްތަ އުނިކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ