އާބާތުރަ ފިލުވުމަށްފަހު ހުކުރު މިސްކިތް އަލުން ހުޅުވައިފި

އާބާތުރަ ފިލުވުމަށްޓަކައި ވަގުތީގޮތުން ނަމާދު ކުރުން ހުއްޓާލާފައިވާ މާލޭ ހުކުރު މިސްކިތް އަލުން ހުޅުވައިފިއެވެ.
ހުކުރު މިސްކިތް އާންމުންނަށް އަލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ޖަމާއަތުން ފެށިގެންނެވެ.
މިސްކިތުގައި އަލުން ނަމާދުކުރަން ފަށާފައިވާއިރު މާލޭ ހުކުުރު މިސްކިތުގައި ކުރިއެކޭ އެއްފަދައިން ހުކުރު ނަމާދު ޖަމާއަތުގައި ވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަޤާފީ ތަރިކަ ރައްކާތެރި ކުރާ ޤައުމީ މަރުކަޒުން ބުނީ 2019 ވަނަ އަހަރު މިސްކިތް ބަންދު ކުރުމަށްފަހު، މިސްކިތަށް އޭރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދިމާވެފައިވާ ކަތުރުފަނީގެ މައްސަލަ ހައްލުކުުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެއްކަމުން އެ މިސްކިތަށް ދިމާވާ މިފަދަ އެކިއެކި ކަންކަން ހައްލު ކުުރުމަށް މަސައްކަތް ކުރަމުންދަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށާއި، އެހެންކަމުން މިސްކިތް ބަންދު ކުރުމާއި ހަމައިން ފެށިގެން މި ހިނގާދިޔަ މުއްދަތުގައި ކަމާއިބެހޭ ތަޖުރިބާކާރުންގެ އިރުޝާދާއި އެކު ވަކި ތާވަލެއްގެ ދަށުން މިސްކިތުން ކަތުރުފަނި ނައްތާލުމަށް ބޭސްޖަހައި މިސްކިތުގެ ލަކުޑިއާއި ހިރިގަލަށް ދޭންޖެހޭ ފަރުވާދެވިފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދެއެވެ.
އަދި މިސްކިތުގައި ކުރަން ހުރި އެހެނިހެން މަރާމާތްތައް ވެސް މި މުއްދަތުގައި ކުރެވިފައިވާ ކަމަށާއި، ހަމަ އެއާއިއެކު މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް މިސްކިތުގައި ކުރިން އަޅާފއިވާ ކާޕެޓް ނަގައި، މިސްކިތުގައި މިހާރު ވާނީ ސާފުކުރަން ފަސޭހަ ރައްކައުތެރި ޕްލޯރިންގއެއް އަޅާފައިވާ ކަމަށެވެ.
ވަގުތީ ގޮތުން މިސްކިތް ބަންދު ކުރެވުނުއިރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢުއެއް އަވަށްޓެރި އިންޑިއާގެ އެހީގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިސްކިތް ބަންދު ކޮށްފައިމިވީ މުއްދަތުގައި އިންޑިއާގެ އާސާރުތަކާއި ބެހޭ އިދާރާ އާކިއުލޮޖިކަލް ސާރވޭ އޮފް އިންޑިއާ (އޭއެސްއައި) ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް މާލޭ ހުކުުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަޝްރޫޢުއަށް ވާންޖެހޭ ތައްޔާރީތައްވަނީ ވާން ފަށާފައިވާ ކަަމަށް މަރުކަޒުން ބުނެއެވެ.
އެގޮތުން މިސްކިތުގެ ލަކުޑިއާއި ހިރިގަލުގެ ބައިތަކާއި ގުޅޭގޮތުން ވަކިން ހަދަންޖެހޭ ސާރވޭތައް މިހާރު ވަނީ ހެދިފައި ކަމަށާއި، އެ މަޝްރޫޢު އަށް ކުރަން ޖެހޭ ކިތާބީ އެކިއެކި މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މި މަސައްކަތް ކުރިއަށްދަނިކޮށް ކޮވިޑް-19 ގެ ސަބަބުން ރައްކައުތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކު މަސައްކަތް ފަސްކުރަން ޖެހެނުކަން ފާހަގަކޮށް މަރުކަޒުން ބުނީ މާލޭ ހުކުުރުމިސްކިތް މިވަގުތު ކުރަން ހުރި މުހިއްމު ބައެއް މަރާމާތް ތަކަށްފަހު ވަގުތީގޮތުން އާންމުންނަށް ބޭނުން ކުރެވޭނެހެން މިސްކިތް ހުޅުވާލާފައި މިވަނީ ކޮވިޑް-19ގެ މިހާލަތު އާންމު ހާލަތަކަށް ބަދަލުވެ، ދަތުރުފަތުރާއި، މަސައްކަތަށް ފަހި މާހައުލެއް ޤާއިމްވުމުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދެވޭ އާބާތުރަ ފިލުވުމުގެ މަޝްރޫޢު އަލުން ފެށުމާއި ހަމައަށް ކަމަށެވެ.
މިސްކިތް އަލުން ބޭނުން ކުރުމަށް ތައްޔާރުވުމަށް ކުރެވުނު މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި މާލޭ ސިޓީ ކައުންސިލާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އެހީ ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކޮށް އެެފަރާތްތަކަށް މަރުކަޒުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި ވަގުތީގޮތުން މިސްކިތް ބޭނުން ކުރަން ފެށުނު ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މިސްކިތް ބޭނުން ކުރާ ހުރިހާ ފަރާތްތަކުން ވެސް މިސްކިތްތައް ބޭނުން ކުރުމުގައި ކަމާއިބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިސްކިތް ބޭނުންކުރާ މީހުންގެ ރައްކައުތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ކުރުމަށް މާލޭ ހުކުުރު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލާ މިސްކިތް ބަންދު ކުރެވުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ