ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ މައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުން އެ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާތީ އަލުން މައްސަލަ މިއަދު ކޯޓަށް ހުށައަޅައިފިއެވެ.
ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ބުރާސްފަތި ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން މައްސަލަ އަނބުރާ ފޮނުވާލީ މައްސަލަ ހުށަހަޅާ ފޯމުގައި އޮތް ސޮޔާއި، އައިޑީ ކާޑުގައި އޮތް ސޮއި ދިމާނުވާތީކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށްފަހު މިއަދު ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާކަމަށް ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
ގާނޫނީ ޓީމުން ބުނީ ބުރާސްފަތި ދުވަހު އެމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ ފުރިހަމަ ޔަގީންކަމާއެކުކަމަށާ މައްސަލަ ބަލައިގެންކަމެއް އަދި ރަސްމީކޮށް އަންގާފައިނުވާކަމަށެވެ.
ގ. އެނިފްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 މާޗް 2015 ގައެވެ.
ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.
އެ ހުކުމް ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓްގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ.
ހައިކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު އަބްދުއްރައޫފް ވިދާޅުވީ ހަތިޔާރު ފެނުނީ ނާޒިމް ވެސް ހުންނަވަނިކޮށް ނާޒިމްގެ ކޮޓަރިން ކަމަށްވާތީ އެއީ ނާޒިމްގެ ހިޔާދަށުގައި ހުރި ހަތިޔާރު ކަމަށް ބެލެވޭނެ ކަމަށެވެ.
ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ ބަޔަކު ލަނޑެއް ދޭން ބެހެއްޓި ހަތިޔާރު ކަމަށް ނާޒިމް ވިދާޅުވި ނަމަވެސް އެކަން ނާޒިމަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށްވެސް ހުކުމުގައިވެއެވެ.
ނާޒިމުގެ މައްސަލަ އަލުން ސުޕްރީމް ކޯޓަށް ހުށައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ