ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ބުދަ ދުވަހު ފަށަނީ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަ ދުވަހު ފެށުމަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ނާޒިމްގެ އިސްތުނާފް އަޑުއެހުން ބުދަ ދުވަހު ސްޕްރީމް ކޯޓުގައި ފެށުމަށް ހަމަ ޖެހިފައިވަނީ ހެނދުނު 11:00 ޖަހާއިރު އެވެ.
މި މައްސަލަ ބެލުމަށް ހަމަޖެހިފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.
ނާޒިމްގެ މައްސަލަ ސްޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހަޅާފައި ވަނީ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެދުވަހު މައްސަލަ ހުށަހެޅުމުން އަނބުރާ ފޮނުވާލަފައިވަނީ މައްސަލަ ހުށަހަޅާ ފޯމުގައި އޮތް ސޮޔާއި، ނާޒިމްގެ އައިޑީ ކާޑުގައި އޮތް ސޮއި ދިމާނުވާތީ ކަމަށް ބުނެ އެވެ. އެ މައްސަލަ އަލުން ހުށަހަޅާފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން ނާޒިމުގެ މައްޗަށް އިއްވި ހުކުމްގައި ބުނެފައިވަނީ ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކީ އޭނާގެ އެއްޗެއް ނޫންކަން ޝަރީއަތުގައި ސާބިތުކޮށް ދެއްވިފައި ނުވާ ކަމަށެވެ.
އެ ހުކުމް ނާޒިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއިދުކޮށްފައިވަނީ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.
އެހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އެ ހަތިޔާރު ފެނުނީ ނާޒިމްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ހުރި ތަނަކުން ކަމަށްވާއިރު އެ ތަކެއްޗަކީ ނާޒިމްގެ އެއްޗެއް ނޫންކަން ސާބިތުކޮށް ދިނުމުގެ ޒިންމާ އުފުލަން ޖެހޭނީ ނާޒިމް ކަމަށެވެ. އެކަމަކު އެއީ ނާޒިމްގެ އެއްޗެއް ނޫން ކަން އޭނާ އަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހަކު މިހާރު ހޯދިފައިވާ ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ