ރައީސް ޔާމީން 2018" ކޭމްޕޭން މަހާސިންތާ 3 ޝަރަފުވެރިކޮށްދެއްވާނީ ނިހާން

މިރޭ ދަރުބާރުގޭގައި ފެށުމަށް ހަމަޖެހިފައިވާ "ރައީސް ޔާމީން 2018" ކޭމްޕޭން މަހާސިންތާ 3 ޝަރަފުވެރިކޮށްދެއްވާނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކެވެ. ް "ރައީސް ޔާމީން 2018" ކޭމްޕޭނަށް ކެމްޕޭން މަނޭޖަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ 3 ވަނަ މަހާސިންތާ އާއިބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހާސިންތާގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ މިއަދު ވިދާޅުވީ މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި މަހާސިންތާ ނިންމުމަށް މިމަހުގެ 19 ވަނަ ދުަވަހުގެ ރޭ ބާއްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ތަޤްރީރުކުރައްވަވާނެ ކަމަށެވެ.
މުޢާޛް ވިދާޅުވީ މިރޭ ފަށާ މަހާސިންތާގައި 405 މަންދޫބުން ބައިވެރިވާ ކަމަށާއި އެބޭފުޅުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ފުރިހަަމަކުރެވިފައިވާ ކަަމަށެވެ. އެހެންކަމާއިއެކުވެސް އެއްވެސް ސަބަބަކާއިހުރެ ވަޑައި ނުގެންނެވޭ މަންދޫބަކު ހުރިނަމަ ބަދަލުގައި އެހެން މަންދޫބަކު ހަމަޖެއްސުމުގެ ކަންތައްތައް މިއަދު މެންދުރުފަހު 2:00 އިން 4:00 އަށް ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށެވެ.
މުޢާޛް ވިދާޅުވީ މިމަހާސިންތާގައި މާލެ ދާއިރާގެ ގޮފިތަކުގެ އިތުރުން މާލެ ދާއިރާގައި ދިރިއުޅޭ ރާއްޖެތެރޭގެ ގޮފިތަކުގެ މަންދޫބުން ވެސް ބަިވެރިވާނެ ކަަމަށެވެ.
މުޢާޛް ވިދާޅުވީ މަހާސިންތާ އިންތިޒާމުކުރަނީ ރައީސް ޔާމީނުގެ ކެމްޕޭނު އޮފީހުން ކަަމަށާއި މަހާސިިންތާ މިފަހަރުވެސް ކުރިއަށްދާނީ ޕީޕީއެމްގެ ކައުންސިލު މެންބަރުންނާއި މަޖިލިސް މެންބަރުންގެ ވަރަށް ފުރިހަަމަ ބައިވެރިވުމާއިއެކުގައި ކަަމަށެވެ.
މުޢާޒް ވިދާޅުވީ 2018 އަށް ރައީސް ޔާމީން ކެމްޕޭނު ނުކުރައްވާ ކަމަށާއި މިމަހާސިންތާއަކީ ރައީސް ޔާމީނުގެ ސަޕޯޓަރުން ބޭނުންވެގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. "ރައީސް ޔާމީން އަވަދިނެތި އުޅުއްވަނީ އެމަނިކުފާނުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގަ. ތަރައްޤީގެ އެކިއެކި މަސައްކަތްތައް ހިންގެވުމުގަ. ރަސްފަންނާއި އެހެނިހެން ޕާކުތައް އެދަނީ ހުޅުވެމުން. ނުއެޅޭނެ ކަަމަށް ބުނި ބްރިޖުގެ މަސައްކަތްތައް ފެށިގެން ކުރިއަށް ދަނީ."
މަހާސިންތާއަށް ޚަރަދުކުރައްވަނީ ހެޔޮއެދިވަޑައިގަންނަވާ ފަރާތްތަކުން ކަމަށްވެސް މުޢާޛް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ