ގޮވާ ޒާތުގެ ތަކެތި ހޯދާ ކުއްތާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަނީ
ގޮވާ ޒާތުގެ ތަކެތި ހޯދަން ބޭނުންކުރާ ކުއްތާ ގެންގުޅޭ ޔުނިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކުރުން ހިމެނޭ އޭވިއޭޝަން ދާއިރާގެ ސަލާމަތާ ބެހޭ އެއްބަސްވުމެއްގައި އެމެރިކާއާ އެކު ސަރުކާރުން ސޮއިކޮށްފިއެވެ. އޭވިއޭޝަން ދާއިރާގެ ސަލާމަތާ ބެހޭ މެމޮރެންޑަން އޮފް އެގްރީމެންޓެއްގައި އެ ގައުމާއެކު ސޮއި ކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓުގެ ކައުންޓާ ޓެރަރިޒަމްއާ ބެހޭ ޕްރިންސިޕަލް ޑެޕިއުޓީ ކޯޑިނޭޓަރު އަލީނާ ރޮމަނޯވްސްކީ އެވެ. ފޮރިން މިނިސްޓްރީން ބުނީ، ޓެރަރިޒަމްއާ ދެކޮޅަށް ސަލާމަތީ ބާރުތަކުން އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން، އެމެރިކާއިން ދިވެހި ސަލާމަތީ ބާރުތައް ތަމްރީނުކުރުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ގޮވާ ޒާތުގެ ތަކެތި ހޯދަން ބޭނުން ކުރާ ކުއްތާގެ ޔުނިޓަކާއި އޭވިއޭޝަން ސެކިއުރިޓީ އެޑްވައިޒަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައިތިއްބަން މަގުފަނިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޓެރަރިޒަމްގެ ނުރައްކަލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާގެ އެއްބާރުލުމަށް އޭނާ ޝުކުރު އަދާ ކުރެއްވިއެވެ. އެ ބައްދަލުމުގައި ރޮމަނޯވްސްކީ ވަނީ އެއްބަސްވުމުގައި ހިމެނޭ ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައި، ރާއްޖެއާއެކު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކު ރާއްޖޭގެ އިސްވެރިއަކު އެގައުމަށް ދަތުރުކުރުމަށް ދެއްވި ފުރަތަމަ ދައުވަތުގައި ފޮރިން މިނިސްޓަރު ޝާހިދު އެގައުމަށް ވަޑައިގެން ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯއާ ބައްވަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ