ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ޖަލުހުކުމްތަކުން މިނިވަން ވެއްޖެއެވެ.
އަދީބްގެ މައްޗަށް ކުރެވުނު ބޮޑެތި ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ. ނަމަވެސް ތަފާތު ތިން މައްސަލައެއްގައި އިއްވި އެ ޖަލު ހުކުމްތައް ފަހުން ވަނީ ކޯޓުން ބާތިލްކޮށްފައެވެ.
އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވިނަމަވެސް، ރިޔާސީ ލޯންޗްކޮޅު، ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބްގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމުގެ ދައުވާގެ ކުށް ސާބިތުވެ އަދީބް 15 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމާއި، އަދީބްގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސާބިތުވެ އޭނާ 8 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް ހައިކޯޓުން މީގެ ކުރިން ވަނީ ބާތިލްކޮށްފަ އެވެ.
މީގެއިތުރުން އަދީބް ފިސްތޯލަ ގެންގުޅުއްވިކަން ސާބިތުވެ 10 އަހަރަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު ބާތިލްކޮށްފަ އެވެ.
ފަހުން އަދީބް ތަންފީޒުކުރައްވަމުން ގެންދެވީ ކޯޓްގެ ހުރުމަތްކެނޑިކަމަށް ނިންމާ އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެވެ. ކަރެކްޝަނަލް ސާރވިސްއިން މިއަދު ބުނީ 15 ދުވަހުގެ ޖަލު ހުކުމްގެ މުއްދަތު މިހާރު ހަމަވެފައިވާކަމަށެވެ.
އަދި އަދީބް މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫންކަމަށްވެސް އެ ސާރވިސްއިން ބުނެއެވެ. ނަމަވެސް އަދީބްގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމު ދުވަހެއް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.
އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަހެއްގެ ފަހުން، ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމުގެ ފުރުސަތު ދިނުމާއި ގުޅިގެން އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު، އަދީބް ރާއްޖެ ވަޑައިގެންފައިވަނީ މިމަހުގެ 6ވަނަ ދުވަހުއެވެ.
ޒިންމާއިން ރެކިގަތުމާއި، ފިލައިގެންދިއުމަކީ ގަބޫލުކުރައްވާ އުސޫލު ނޫންކަމަށާ ހުރަސްތައް ގިރާކޮށް ކުރިމަތިލާންޖެހުނު ކޮންމެ ކަމަކާއި ކުރިމަތިލާން ހުންނެވީ ތައްޔާރަށްކަމަށް އެދުވަހު އަދީބް ވަނީ ވިދާޅުވެފައެވެ.
ޖަލު ހުކުމްތަކުން ސަލާމަތްވީނަމަވެސް، އަދީބްގެ މައްސަލަތަކެއް އަދިވެސް ކަމާބެހޭ މުއައްސަސާތަކުން ދަނީ ބަލަމުންނެވެ. އަދި ކޯޓަށް ހުށައެޅިފައިވާ މައްސަލައާއި ގުޅިގެން އަދީބްގެ ޕާސްޕޯޓް ހިފަހައްޓަންވެސް ސުޕްރީމްކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް މިނިވަން ވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ