ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނީ މިއަދު ހަވީރު 4:00 އިން މިރޭ 9:00ގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅާއި ކ. އަތޮޅާ ދެމެދު އަދި ގއ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި މިސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތަކުގެ އިތުރުން ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް މިރޭވެސް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ