ޓޮޓެންހަމް ސެމީއަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް ޖާގައެއް ހޯދައިފި އެވެ.
ޓޮޓެންހަމް ސެމީއިން ޖާގަ ހޯދީ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ސިޓީއާ ވާދަކޮށެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު 4-3 ލަނޑުން ސިޓީއިން ކާމިޔާބު ކުރި ނަމަވެސް، ޓޮޓިންހަމްއަށް ސެމީގެ ޖާގަ ކަށަވަރުވީ ރަށުންބޭރުގައި ޖެހި ގޯލުން ކުރިލިބުމުންނެވެ. މިދެޓީމުގެ އެގްރިގޭޓަށް ބަލާއިރު 4-4 އިން އެއްވަރުވިއިރު، ޓޮޓެންހަމް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗް ޓޮޓިންހަމްއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ލަނޑުންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ސިޓީއިންނެވެ. އެލަނޑު ސިޓީއަށް މެޗުގެ ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިން އެވެ.
ސިޓީއިން ލަނޑު ޖަހާ ލީޑް ނެގިތާ ތިން މިނެޓް ފަހުން ޓޮޓެންހަމްއިން ވަނީ ލަނޑެއްޖާހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ޓޮޓިންހަމްއަށް ކާމިޔާބު ކޮށްދިނީ ސޮން ހެއުން މިން އެވެ. މިމެޗުގައި ޓޮޓިންހަމްއަށް އާހިތްވަރެއް ލިބިގެން ދިޔައީ މެޗުގެ 10 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގުމުންނެވެ. އެލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިން ސޮން އެވެ.
ޓޮޓެންހަމްއިން މެޗުގެ ލީޑް ނެގުމުން މެޗް ބަލަން ވަތް ތިބި ސިޓީގެ ސަޕޯޓަރުންގެ އަޑު މުޅި ސްޓޭޑިއަމްއިން ކެޑި، މާޔޫސްކަމުގެ ތެރެއަށް ވެއްޓުނު ވަގުތު ސިޓީގެ ސަޕޯޓަރުންނަށް އާ ހިތްވަރެއް ލިބިގެން ދިޔައީ މެޗުގެ 11 ވަނަ މިނެޓުގައި ސިޓީގެ ބެނާޑޯ ސިލްވާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ހިސާބުންނެވެ. އަދި ސިޓީއަށް ލިބުނު ހިތްވަރާއެކު މެޗުގެ 21 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ޖަހާ މެޗުގެ ލީޑް ނެގިއެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓާލިންނެވެ. އަދި މެޗުގެ 59 ވަނަ މިނިޓްގައި ސިޓީގެ ސާޖިއޯ އަގުއޭރޯ ކާމިޔާބު ކޮށްދިން ލަނޑުން، ދެ ލަނޑުގެ ލީޑެއްނަގައި މުބާރާތުގެ ސެމީ އަށް ދިއުމުގެ އުއްމީދު އެޓީމުން ބޮޑު ކުރިއެވެ.
ސިޓީގެ އުންމީދުތައް ފުޑުފުޑުވެ، މެޗް ބަލަން ތިބި އެތައްހާސް ސިޓީގެ ސަޕޯޓަރުން ފެންކަޅިވެ ރޮވިގެން ދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ޓޮޓިހަމްއިން ލަނޑު ޖެހި ހިސާބުންނެވެ. އެލަނޑު ޓޮޓެންހަމްއަށް ކާމިޔާބު ކޮށްދިނީ ފެރަންޑޯ ލޮރެންޓޭ އެވެ.
ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބުނު ކަމަށާއި ނަތީޖާ ނުނެރެވުނީ ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ. އަދި މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ސެމީއިން ޖާގަ ލިބުނީ މެޗުގެ ފަހު ވަގުތާ ހަމައަށް ކުޅުންތެރިން ދެއްކި ހިތް ވަރުގެ ސަބަބުން ކަމަށެވެ. އަދި ކުރިއަށް އޮތް ސެމީ މެޗަށް ވެސް ނިކުންނާއި އުންމީދާއެކު ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމްއިން ސެމީގައި ވާދަކުރަން ޖެހޭނީ އަޔެކްސްއާ ދެކޮޅަށެވެ. އަޔެކްސް ސެމީއަށް ދިޔައީ ޔުވެންޓަސްއާއި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ