ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ: ތަދައްހުލުވީ ފަރާތްތަކާއެކު މައްސަލައިގެ އަޑު އެހުން ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެކަން ނުވަތަ ނޫންކަން ކަނޑައަޅައި ދިނުމަށް ރިޔާސީ ކޮމިޝަންގެ ތަރުޖަމާން އަބްދުﷲ ހަސީން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
އަޑު އެހުން ނިންމައިލީ މައްސަލައިގެ ތެރެއަށް ވަނުމަށް ނުވަތަ ތަދައްހުލްވުމަށް އެދިފައިވާ ހުރިހާފަރާތްތަކަށް ވެސް މިއަދުގެ ޝަރީއަތުގައި ވަކާލާތުކުރުމުގެ ފުރުސަތު އަރުވާފައެވެ. ސ. ހިތަދޫ ލާމިގޭ މޫސާ އަންވަރުގެ އިތުރުން އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވެ ވަކާލާތާތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި، ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލް ހަމީދާއި ލ. ތުނޑި، ވުޑްލައިން އާދަމް އާސިފެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން ވިދާޅުވީ އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށެވެ.
"މި މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ދެން ނޯންނާނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ ގާނޫނީ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން އިސްމާއިލް އަބްދުލް ހަމީދަށް ލިބިދީފައިވާ އިލްތިމާސް ކުރުމުގެ ހައްގު ނުގެއްލޭ ކަމަށާއި، ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް އިސްމާއިލް އަބްދުލް ހަމީދު މިހާރު ނިންމަވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައިކޯޓުގެ ހުކުމް އެއަށްވުރެ މަތީ ކޯޓަކުން ބާތިލް ކޮށްފިނަމަ ކާށިދޫ ދާއިރާގެ ރައްޔިތުންގެ ހައްގު ގެއްލިގެން ހިނގައިދާނެތީ އެ މައްސަލައިގެ އިލްތިމާސްގެ މަރުހަލާ ނުނިމެނީސް ހަސީން ހުށަހަޅުއްވާފައިވާ ދައުވާއާމެދު ގޮތެއް ކަނޑައެޅެން ނެތްކަމަށް ނިންމަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ކްރިމިނަލް ކުށެއް ސާބިތުވެގެން ކޯޓުން ކުރި ހުކުމަކާއި ގުޅިގެން ނ. ވެލިދޫ ކުރީގެ ކުޑަކަތީބު ވެލިދޫ ހިޖުރަ، އިބުރާހިމް ޒަކީވެސް ކަތީބުގެ ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ. އަދި މިހާރު އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށާއި ނަމަވެސް އަދިވެސް އޭނާގެ ވަޒީފާ ގެއްލިފައިކަމަށެވެ. އެހެންކަމުން އިސްމާއިލް އަބްދުލް ހަމީދުގެ ގޮނޑި ގެއްލިއްޖެ ކަމާއިމެދު އެއްވެސް ސުވާލެއް ނެތްކަމަށް އިލްހާމް ވިދާޅުވިއެވެ.
"ނ. ވެލިދޫ ކުރީގެ ކުޑަކަތީބު ވެލިދޫ ހިޖުރަ، އިބުރާހިމް ޒަކީގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވާ ކަމަށް ދަށުކޯޓުން ހުކުމް ކުރުމުން އޭނާ ވަނީ ވަޒީފާއިން ވަކިވެފަ. އޭނާ މިހާރު ވަނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި އެކަމަކު އަދިވެސް އޭނާ ގެވަޒީފާ އަދި ނުލިބޭ. އެހެންވީމާ ހުރިހާ ރައްޔިތުންނާއި މެދުވެސް އަމަލުކުރައްވަން ވާނީ އެއް އުސޫލަކުން. ވަކި އިސްމާއިލް އަބްދުލް ހަމީދު ވީމަ ވަކިގޮތެއް ނެހެދޭނެ،" އިލްހާމް ވިދާޅުވިއެވެ.
ކުރިން ފުލުސް އޮފީހުގައި އުޅުނު ގާނޫނު ވަކީލު، އާސިފްގެ ގާނޫނީ ވަކީލު ރޭނިސް މުހައްމަދު ސަލީމް ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތަށް އިސްމާއިލް އަބްދުލް ހަމީދުގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 18 މަސް ދުވަހުގެ ޖިނާއީ ހުކުމެއް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު އިސްމާއިލް އަބްދުލް ހަމީދުގެ ކިބައިގައި ނެތްކަމަށާއި، ގޮނޑި ގެއްލިފައިވާކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ