ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބޭއްވި އިހްޔާ ޖަލްސާތަކާއި އިހްޔާ ފޯރަމްތަކުގެ އަސްލަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ރޭ ބޭއްވި އިހްޔާ ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމުގެ ޖަލްސާތައް ފެށިގެން ގޮސްފައިވަނީ 1979 ވަނަ އަހަރު ކަމަށާއި އޭރު މި ޖަލްސާތައް ފެށިގެން ގޮސްފައިވަނީ މުލިއާގޭގައި ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ގިނިކަންޏާއި މުލިއާގޭގައި މި ޕްރޮގްރާމް ފައްޓަވާފައިވަނީ. އެއަށްފަހު އެތަނުގައި ޖާގަ ބޮޑު ކުރައްވައިގެން އިތުރަށް މި ހަރަކާތް ފުޅާކުރެއްވީ. އަދި އިސްލާމީ މަރުކަޒު ބިނާކުރެއްވުމަށްފަހު މި ހަރަކާތުގެ އެންމެހާ ކަންތައްތައް އިސްލާމީ މަރުކަޒަށް ބަދަލުކޮށްގެން ކުރިއަށް ގެންދެވީ." މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވަނީ ރޭގެ އިހްޔާ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވުމާއި ގުޅިގެން ޝުކުރު އަދާކުރައްވާފައެވެ.
"ހަގީގަތުގައި އަޅުގަނޑު މި އޮފީހުގައި މަސައްކަތްކުރާތާ ވަރަށް ދުވަސްވެއްޖެ، މި ފަސް އަހަރު ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަކު އިހްޔާ ފޯރަމް އަޑު އެއްސެވުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު މިއީ." ޝަހީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ސަރުކާރުން ދީނީ ކަންތައްތަކަށް ދެއްވަމުން ގެންދަވާ މަތިވެރިކަމާއި އަހަންމިއްޔަތު ވަރަށް ބޮޑަށް ހާމަވާ ކަމެއް ކަމަށާއި އެކަން ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް ދީނީ ކަންތައްތަކުގައި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އިހްޔާ ފޯރަމްގެ އަސްލަކީ ރައީސް މައުމޫން - މިނިސްޓަރު ޝަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ