ޑރ. ޝަހީދު އީރާނަށް ވަޑައިގަތުމާ ދެކޮޅަށް އެއްވެސް ބަޔަކު ވާހަކައެއް ނުދައްކާ: ފޮރިން މިނިސްޓްރީ

އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ. ގެ ޚާއްސަ އޮފިޝަލެއްގެ ގޮތުން ޑރ. އަހުމަދު ޝަހީދު އެ ގައުމަށް ވަޑައިގަތުމާ ދެކޮޅަށް އެއްވެސް ބަޔަކު ވާހަކަ ނުދައްކާ ކަމަށާއި ނަމަވެސް އދ. އިން އީރާނަށް ކަނޑައަޅާ ސްޕެޝަލް ރެޕަޓުއާ ވަޑައިގަތުމާ މެދު އެ ގައުމުގައި ހިތްމަނުޖެހުންތަކެއް އޮވެދާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޑރ. ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމުމަކީ "ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަގު ވެއްޓި، ނިކަމެތިވާނެ ކަމެއް" ކަމަށް އަދާލަތު ޕާޓީން ބުނެފައިވާތީ، އެކަމަށް ރައްދު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ވިދާޅުވީ އެގޮތަށް އަދާލަތުން ބުނެފައި ވަނީ ބޭރު ދުނިޔޭގައި އެފަދަ ކަންތައް ހިނގާ ގޮތް އެ ޕާޓީ އަށް ނޭނގޭތީ ކަމަށެވެ.
"ޑރ. ޝަހީދު އީރާނަށް އަރައިވަޑައިގަތުމާ ދެކޮޅަށް އެއްވެސް ގައުމަކުން ދެކޮޅު ހަދައި [ލިޔުމެއް] ނުނެރުއްވާ. އަދި ނުވެސް ނެރުއްވާނެ. އެކަމަކު އދ. ގެ ރެޕަޓުއާ އަރައިވަޑައިގަތުމާ ބެހޭ ގޮތުން އެ ބޭފުޅުން [އީރާނުން] ބިރުވެރިކަމެއް އޮވެދާނެ،" އަސްލަމް ވިދާޅުވި އެވެ.
އަދާލަތުން އެ ވާހަކަ ދައްކާފައި ވަނީ "އީރާންގެ ނިންމުން" ނޭނގި ކަމަށާއި އެހެންވެ ބޮޑަށް ލަފާކުރެވެނީ އެ މައްސަލައިގެ ތެރެއަށް އެ ޕާޓީން ވަދެގެނެގެން އުޅެނީ "ވާއެއް ނުވާއެއް ނޭނގި ތިބެ" ކަމަށް ވެސް އަދާލަތުގެ ރައީސް ޝޭހް އިމްރާން ދައްކަވާފައިވާ ވާހަކަތަކަށް ފާޑުވިދާޅުވަމުން އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީ އަކީ ފޮރިން ޕޮލިސީއާ ބެހޭ ގޮތުން ވާހަކަދެއްކުމަށް "ކުފޫ ހަމަވާ" ބައެއް ކަމަށް ގަބޫލެއްނުކުރެއްވެ އެވެ.
"ދޭދޭ ގައުމުތަކާއި އދ. އާއި ރާއްޖެއާ އޮންނަ ގުޅުންތަކާ ބެހޭ ގޮތުން އެއްޗެއް އެނގިގެން ތިބެ ނެރޭ ބަޔާނަކަށް އެއްޗެއް ބުނެލަން އަޅުގަނޑުމެންނަށް ފަސޭހަވާނެ. އެކަމަކު އެކަން އޮންނަ ގޮތް ނޭނގި ޒިންމާދާރު ނޫން ގޮތަކަށް ދައްކާ ވާހަކަ އަށް އަޅުގަނޑުމެން ބުނާނީ ކީކޭތޯ؟ އެހެންވީމަ ވަރަށް މުހިންމު ވާނުވާ އެނގިވަޑައިގެން މިކަމުގެ ތެރެއަށް ވަދެވަޑައިގަތުން،" ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތަށް ނިސްބަތްކުރައްވައި އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އދ. ގެ ރެޕަޓުއާއެއް އީރާނަށް ވަޑައިގަތުމާއި ނުގަތުމަކީ ރާއްޖޭގެ ފޮރިން ޕޮލިސީއާ ނުވަތަ ރާއްޖެއާ ސީދާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. ރާއްޖެ އިން ވަކާލާތުކުރާ މައިގަނޑު ކަމަކީ އިންސާނީ ހައްގުތައް ހޯދައިދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އިން އިންސާނީ ހައްގުތައް ކުރިއެރުވުމަކީ "ފެއިލްވުން" ކަމަށް އަދާލަތު ޕާޓީން ދެކޭ ނަމަ އެއީ އެހެން ކަހަލަ ވިސްނުމެއް ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ރާއްޖޭގެ ފޮރިން ޕޮލިސީއަކީ ރާއްޖޭގަ އާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ވަރަށް ބޮޑަށް އިންސާނީ ހައްގުތައް ކުރިއެރުވުން. އެކަމަށް އެއްވެސް ބަޔަކު ހުރަހެއް ނާޅާނެ. އިދިކޮޅު ހަދާ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.
އީރާންގެ ކަންތައް ހުރި ގޮތް ބެލުމަށް ޑރ. ޝަހީދު އީރާނަށް ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމުމާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެފައި ވަނީ އީރާންގެ އެ ނިންމުމާ ގުޅިގެން ރާއްޖޭގެ "ފޮރިން ޕޮލިސީގައި ހަޑި ލައްގަނޑެއް ޖެހިއްޖެ" ކަމަށާއި "އެއީ ދިވެހިން ލަދުވެތިވާން ޖެހޭ" ކަމެއް ކަމަށެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މިއީ ތާރީހުގައި ވެސް އިސްލާމީ ގައުމަކަށް ހަމަޖެއްސި މި ކަހަލަ މިޝަނެއް އަނބުރާ ރައްދުކުރި ފުރަތަމަ ފަހަރު. މިއީ އިސްލާމީ ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެން ރާއްޖެ އިން ވަރަށް ބޮޑަށް ލަދުވެތިވާން ޖެހޭ ކަމެއް،" އިމްރާން ވިދާޅުވި އެވެ. "ޑރ. ޝަހީދު އެފަދަ މަގާމަކަށް ވަޑައިގަތުމަކީ އީރާން ކަހަލަ ނިއުކްލިއާ ބާރަކާ ދިވެހި ގައުމާ ދޭތެރޭގައި އަދާވާތްތެރި ގޮތަކަށް ބަލަން ފަށާނެ ކަމުގެ ބިރުވެރި އިންޒާރެއް. އިސްލާމީ ގައުމެއްގެ މިފަދަ ކަންތައްތަކެއްގެ ތެރެއަށް އަޅުގަނޑުމެން ފަދަ ކުޑަކުޑަ އިސްލާމީ ގައުމަކުން ވަންނައިރު އެތައް ފަހަރަކު ވިސްނަން ޖެހޭނެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ