ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އަޅަނީ

ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އެޅުމަށްޓަކައި އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ. މި ސްކޫލް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަބްދުﷲ މުހައްމަދެވެ. އަދި ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން އެވެ.
މި ޕްރޮޖެކްޓަށް 132 މިލިއަން ރުފިޔާ ހަރަދުވާއިރު، މި ޕްރޮޖެކްޓްގެ މަސައްކަތް 14 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
އަލަށް އިމާރާތް ކުރާ ސްކޫލް އެޅުމަށް ހަމަޖެހިފައިވަނީ ލިޓްލް ޖެމްސް ޕްރީސްކޫލާއި އިންވެގެން ހުރި ހުސްބިމުގައެވެ. މިއީ ހުޅުމާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ސެންޓަރާއި އިންވެގެން ހުރި ބިންވެސްމެއެވެ.
ޕްރައިމަރީ އަދި ސެކެންޑްރީ ތައުލީމު ވެސް ދޭ މި ސްކޫލުގައި ގާތްގަނޑަކަށް 1680 ކުދިންނަށް ކިޔެވުމުގެ ޖާގަ އޮންނާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް އިން މައުލޫމާތު ދެއެވެ. މިގެ އިތުރުން މި އިމާރާތަކީ ތިން ބްލޮކް ހިމެނޭ ހަތް ބުރީގެ އިމާރާތެކެވެ. މި ސްކޫލްގައި 50 ކްލާސްރޫމް އިންނާނެ ކަމަށް އެޗްޑީސީ އިން ހާމަކުރެއެވެ. މީގެތެރެއިން ދެ ކްލާސް ރޫމު، ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދޫކުރަން ވަނީ ހަމަޖެހިފައެވެ.
މި ސްކޫލަކީ، ސްކޫލަކަށް ބޭނުންވާނެ ހުރިހާ ވަސީލާތެއްވެސް ލިބިގެންދާނެ ޒަމާނީ ފެންވަރަށް ހެދިގެންދާނެ ސްކޫލެކެވެ. އެގޮތުން ލެބޯޓްރީ، ލައިބްރަރީ، މަލްޓި ޕާޕޯސް ހޯލްސް، ނަމާދު ކުރާ ކޮޓަރި، ރިސޯސެސް ރޫމް އަދި އިތުރު ހަރަކާތް ތަކަށްވެސް ރޫމް ހުންނާނެއެވެ.
މީގެ އިތުރުން ބަދިގެ އަކާއި، ކެންޓީނަކާއި ކުޅޭނެ ސަރަހައްދެއްގެ އިތުރުން ދެ ލިފްޓްވެސް ހިމެނޭނެއެވެ.
ހުޅުމާލޭގައި ޕްރައިމަރީ އަދި ސެކެންޑްރީ ތައުލީމު ދޭ ތިން ސްކޫލެއް މިހާރުވެސް ހުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ