ރާއްޖޭގެ ފިންލޭންޑް ސްކޫލް ހިންގަނީ އެ ގައުމުގެ ތައުލީމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކަނޑައަަޅައިފި

ރާއްޖޭގައި ހިންގަމުން އަންނަ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް ކުރިއަށް ގެންދަނީ ފިންލޭންޑުގެ ތައުލީމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް، އެ ގައުމުގެ ރަސްމީ އިދާރާ އިން ކަނޑައަޅައިފި އެވެ.
ތައުލީމު ދިނުމުގައި މުޅި ދުނިޔެއިން ވެސް ފާހަގަކޮށްލެވޭ ފިންލެންޑުގެ ތައުލީމީ ނިޒާމާ އެއްގޮތަށް ކިޔަވައިދޭ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލް ހިންގަނީ ކުރީގެ އަމީރު އަހުމަދުގައި، އައިލެންޑާސް އެޑިޔުކޭޝަނުންނެވެ. މިއީ ބިލަބޮންގް ވެސް ހިންގަމުން އަންނަ ކުންފުންޏެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު ހުޅުވި ފިންލެންޑް ސްކޫލްގައި ކިޔަވައިދޭ ގޮތް ބަލައި، އެއީ ފިންލެންޑްގެ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ތަނެއްތޯ މިދިއަ އަހަރުގެ ފަހުކޮޅު އައިސް ބެލީ ފިންލޭންޑް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ރިސާޗުންނެވެ. މިއީ ފިންލެންޑުން ބޭރުގައި ހުންނަ އެ ގައުމަށް ނިސްބަތްވާ ސްކޫލްތައް ހިންގަނީ، އެ ގައުމުގެ ތައުލީމީ މިންގަނޑުތަކާ އެއްގޮތަށްތޯ ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ރަސްމީ އެޖެންސީ އެވެ.
ފިންލޭންޑް ސްކޫލަށް ލިބުނު ކެނޑިޑޭޓް ސްކޫލް ކަމުގެ ސެޓްފިކެޓް -- ފޮޓޯ: އައިލެންޑާސް އެޑިއުކޭޝަން
އަައިލެންޑާސް އެޑިޔުކޭޝަނުން ބުނީ ފިންލެންޑް އެޖެންސީގެ އޮފިޝަލުން، ފިންލޭންޑް ސްކޫލް އޮޑިޓްކޮށް، އެއީ އެ އެޖެންސީގެ ކެނޑިޑޭޓް ސްކޫލެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިއީ އޭޝިއާގެ ސަރަހައްދުން މި ދަރަޖަ ހާސިލްކުރި ފުރަތަމަ ސްކޫލް ކަމަށް ވެސް އައިލެންޑާސް އިން ބުންޏެވެ.
"މިއީ ސްކޫލް ހިންގަން ފެށިތާ އަހަރެއްގެ ތެރޭގައި ކެންޑިޑޭޓް ސްކޫލްގެ ދަރަޖަ ލިބުނު ފުރަތަމަ ސްކޫލް،" އައިލެންޑާސްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފިންލެންޑްގެ އިންސްޓިޓިއުޓް އޮފް ރިސާޗުން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ފިންލޭންޑް ސްކޫލް ހިންގަނީ ފެންވަރު ރަނގަޅު ޓީޗަރުންނާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިއީ ފިންލެންޑްގެ ރަސްމީ އިދާރާ އިން އެ ސްކޫލް އެކްރިޑިޓް ކުރަން ބަލާ ތިން މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށް އައިލެންޑާސް އިން ބުންޏެވެ.
ފިންލެންޑް ސްކޫލްގެ ޕްރިންސިޕަލް ޑރ. އައިޔާ ވަނަލްނޭ ވިދާޅުވީ ކެންޑިޑޭޓް ސްކޫލެއްގެ ދަަރަޖަ ލިބުމުން އުފާކުރައްވާ ކަމަށެވެ. އަދި އެއިން އަންގައިދެނީ އެ ސްކޫލްގައި ކިޔަވާދެމުން އަންނަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ސްކޫލް މި ދަނީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ފިނިޝް ތައުލީމީ އުސޫލްތަކާއި މިންގަނޑުތައް ލާމެހިކޮށް، ދިވެހިރާއްޖެއާ އެކަށީގެންވާ މޮޑެލަކަށް ކާމިޔާބުކަމާ އެކީ ހިންގަމުން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ފިންލޭންޑް ސްކޫލް ހުޅުވީ 200 އެއްހާ ދަރިވަރުންނާ އެކު، ގްރޭޑް 1-5 ގެ ދަރިވަރުންނަށެވެ. މި އަހަރު އެ ސްކޫލްގައި ގްރޭޑް ހައެއް ތައާރަފްކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ގްރޭޑް 10އާ ހަމައަށް ވެސް ކިޔަވައިދޭން ކަނޑައަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ