ސަރުކާރު ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވިކަމުގައި ވިޔަސް އަދިވެސް މިއޮތީ ކޯލިޝަން ސަރުކާރެއް ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހު މިރޭ މާލެވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ އެމްޑީއޭއާ އެކު އެޕާޓީން ހެދި ކޯލިޝަން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށެވެ.
"ކޯލިޝަން އެބައޮތް ދެއްތޯ. ތިން ޕާޓީ ދޭތެރޭ ހެދީ، ދެ ޕާޓީ ދޭތެރޭ އެބައޮތް. ޕީޕީއެމް އާއި އެމްޑީއޭއާ ދެމެދު ހެދި ކޯލިޝަން މިއޮތީ ވަރަށް ވަރުގަދަކޮށް. ޖޭޕީއާ އެކު ހެދި ކޯލިޝަން މާކުރިން ހިނގައިދިޔަ މައްސަލައަކާ ގުޅިގެން އެ ކޯލިޝަން މިއޮތީ ނިމުމަކަށް އައިސްފަ. އެހެންނަމަވެސް މިއީ ކޯލިޝަން ސަރުކާރެއް،" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ސަރުކާރު އޮތީ ވަރަށް ވަރުފަދަކޮށް ކަމަށާއި ކޯލިޝަންހެދި ޕާޓީއެއް ވަކިވެގެން ދިޔުމަކީ ސަރުކާރަށް ދެރައެއް ލިބޭނެ ކަމެއް ނޫންކަމަށެވެ. ހަމައެހެންމެ ސަރުކާރު ކޯލިޝަނުން ވަކިވެގެން ޖުމްހޫރީ ޕާޓީން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރުމަކީ ވެސް "ސަރުކާރަށް ދަތިކަމެއް އަންނާނެ ކަމެއް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއަށް ފާޑުވިދާޅުވަމުން މައުމޫން ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތް ކުރަން ނުކުންނަ ބަޔަކު ގާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވަނީ ކޮންކަމެއްކަން ދައްކަން އެބަޖެހޭ ކަމަށެވެ. އެހެންނަމަވެސް ގާނޫނު އަސާސީއާ ޚިލާފަށް ސަރުކާރުން ކުރިކަމެއް އެބޭފުޅުންނަށް ދެއްކިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ހަގީގަތުގަ އެބޭފުޅުން އެހެން ވިދާޅުވިޔަސް އެބޭފުޅުން ދައްކަވާނެ މާ ރަނގަޅު ވާހަކައެއް ނެތް. ގާނޫނު އަސާސީ ހިމާޔަތް ކުރަން ނުކުންނަ ބަޔަކު ދައްކަންޖެހޭނެ ދެއްތޯ މިހާރުގެ ސަރުކާރުން ގާނޫނު އަސާސީއާ ޚިލާފަށް ކުރީ ކޮންކަމެއްތޯ. އެއެއް ވިދާޅެއް ނުވޭ. ހަމައެކަހަލަ ވާހަކަތަކެއް ދައްކަވަނީ،" މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ގާނޫނު އަސާސީއަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ ސަރުކާރެއް ކަމަށާއި ސަރުކާރުން ކަންތައްތައް ކުރަނީ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން ކަމަށެވެ. އަދި ގާނޫނަށް ބަދަލުގެނެސްގެން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރުމަކީ "ގާނޫނު އަސާސީ މުގުރާލުން" ކަމަށް ނުބެލެވޭނެ ކަމަށާއި އެފަދަ ބަދަލުތައް ގާނޫނަށް ގެނެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
"ގާނޫނު އަސާސީ ބުނާގޮތަކަށް ގާނޫނުވެސް މިހެދެނީ. ގާނޫނު އަސާސީއާ ޚިލާފަށް އެއްވެސް ގާނޫނެއް ނެހެދޭނެ. އެއްވެސް ގާނޫނެއް ހެދޭއިރު އޭގައި ގާނޫނު އަސާސީއާ ޚިލާފު ތަންކޮޅެއް އޮވެއްޖެއްޔާމު އެތަންކޮޅު ވާނީ ބާތިލް ތަންކޮޅަކަށް. އެހެންވީމަ ހެދުނު ގާނޫނު ވެސް ގާނޫނު އަސާސީއާ އެއްގޮތަށް ހެދިގެން ސުޕްރީމް ކޯޓު މައްސަލައިގައި ބަދަލުއެއައީ. ގާނޫނު އަސާސީގަ ހުއްދަދީފަ އޮތް ދާއިރާއެއްގައި، ހައްގު ދީފައި އޮތް ދާއިރާއެއްގައި އެ ގާނޫނަށް ދަލުގެނެސްގެން ހިނގައިދިޔަ ކަމެއް. އެހެންވީމަ އެއީކީ ގާނޫނު އަސާސީ މުގުރާލަން ކުރި މަސައްކަތެއް ނޫން،" މައުމޫން ވިދާޅުވިއެވެ.
އަދިވެސް މިއޮތީ ކޯލިޝަން ސަރުކާރެއް: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ