މަސްތުވާތަކެތީގެ މައްްސަލައެއްގައި ހައްޔަރުކޮށްފައި ހުރި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހިމް ރަޝީދު ދޫކޮށްލުމަށް ހައިކޯޓުން އަމުރުކުރި މައްސަލަ ސުޕްރީމް ކޯޓްގެ ފަސް ފަޑިޔާރުންގެ ބެންޗުން ބަލަން ނިންމާ މާދަމާއަށް ތާވާލްކޮށްފިއެވެ.
ފުލުހުން އެދިގެން ޕީޖީ އޮފީހުން މިމައްސަލަ ކޯޓަށް ހުށަހެޅީ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތުކުރެވޭތީ ފުލުހުން އޭނާ ހައްޔަރުކުރީ މެއި މަހުގެ 27 ވީ ހުކުރު ދުވަހުގެ ރެ އެވެ. ނަމަވެސް އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައިކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުުރުކޮށްފަ އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން މިމައްސަލަ ސުޕްރީމް ކޯޓުގެ ފަސް ފަޑިޔާރުންގެ ބެންޗުން ބެލުމަށް ނިންމާ އެ މައްސަލަ މާދަމާ ހެނދުނު 11 ޖަހާއިރަށް ވަނީ ތާވަލްކޮށްފައެވެ.
ގާޒީ އިބްރާހީމް ރަޝީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ވަޒީފާއިން ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ބުނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތާއި ގުޅިގެން ޖޭއެސްސީގެ ހިންގާ ގަވައިދުގެ 42 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން އިއްޔެއިން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި އިބްރާހީމް ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ހަށިގަނޑާއި އޭނާ ހުރި ސަރަހައްދު ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނުނު ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ތިނަދޫ މެޖިސްޓްރޭޓްގެ މައްސަލަ ސުޕްރީމް ކޯޓްގެ ބެންޗުން ބަލާގޮތަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ