އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް އިބްރާހިމް ދީދީ އާއި ޒިޔާދަށް އެންގީ ޠޮލްހަތު- އިހްސާން

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކުރުމުގެ ކަންތައްތަކުގައި، އޭރުގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއާއި ކާނަލް މުހަންމަދު ޒިޔާދު ވެސް އަމަލް ކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އަމުރަށް ކަމަށް އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް އަލީ އިހުސާން ކޯޓުގައި ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ގާޒީ ބަންދުގައި ބެހެއްޓި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާގައި ޝަރީއަތުގައި ހެކިބަސް ދެއްވަމުން އިހްސާން ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި ރޭ ޑިފެންސް މިނިސްޓަރާއި ސިފައިންގެ ބައެއް އޮފިސަރުންތަކެއް ބައިވެރިވެވަޑައިގެން ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި އިބްރާހިމް ދީދީ އާއި ޒިޔާދުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީގެ މައްސަލާގައި އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ ހިސާން ހުސައިން ސޮއި ކުރައްވައި ފޮނުއްވި ސިޓީއެއް ވެސް ތޮލްހަތު އަތަށް ދެއްވި ކަމަށް އިހުސާން ވިދާޅުވި އެވެ.
ރޭގެ ޝަރީއަތް މިޖިލިސްގައި އިބްރާހިމްދީދީ އާއި ދެކޮޅަށް ދެން ހެކިބަސް ދެއްވެވީ އޭނާގެ ދަށުން އޭރު މަސައްކަތްކުރެއްވި ލެފްޓިނެންޓް ކާނަލް ނަސްރުﷲ އިބްރާހިމް މަޖުދީ އެވެ.
ނަސްރުﷲ ވިދާޅުވީ އަބްދުﷲ ގާޒީ ކިޔާ މީހަކު ސިފައިންގެ ގެއަށް ގެނެސްދިނުމަށް އިބްރާހީމް ދީދީ އޭނާ އަރިހުގައި އެދުނު ކަމަށެވެ. އަދި އޭނާ އެގޮތަށް އެންގުމުން އެއީ ކާކުކަން ނޭނގޭ ކަމަށާއި "އަބްދުﷲ ގާޒީ ކިޔާމީހާ" އާ ބެހޭ މައުލޫމާތު ދިނުމަށް އިބްރާހީމް ދީދީ ކައިރީ އޭނާ އެދުނު ކަމަށް ވެސް ހެކިބަސް ދެމުން ނަސްރުﷲ ވިދާޅުވި އެވެ.
ޖަސްޓިސް ބިލްޑިން ކައިރިއަށް ދިޔުމުން އަބްދުﷲ ގާޒީ ފެންނާނެކަމަށް ކާނަލް ޒިޔާދު އޭނާ ކައިރީ ވިދާޅުވުމުން އެތެނަށް ދިޔައިރު އަބްދުﷲ ގާޒީ ފެންނަން ނެތް ކަމަށާއި ދެން އެވަގުތު ފޯނުން ގުޅައި ޒިޔާދަށް އެކަން އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަސްޓިސްބިލްޑިން ކައިރިން އަބްދުﷲ ގާޒީ ނުފެނުމުން ކާނަލް ޒިޔާދަށް ގުޅައި އެވާހަކަ ދެންނެވުމުން އަބްދުﷲ ގާޒީ ހުންނެވީ ގޭގައި ކަމަށާއި އޭނާ ގެނެސްދިނުމަށް އިބްރާހީމް ދީދީ އަންގާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ.
އިބްރާހީމް ދީދީގެ އޯޑަރު ތަންފީޒު ކުރުމަށްޓަކައި އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ދިޔައިރު އެގޭގައި ތަޅުލާފައި ހުރުމުން ޒިޔާދަށް އެކަން އެންގުމުން އެގެއަށް ވަނުމަށް އޭނާ އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ. ނަމަވެސް އެގެއަށް ވަތް ގޮތެއް އޭނާ ވިދާޅެއް ނުވެއެވެ.
އަބްދުﷲ ގާޒީ ދިރިއުޅުއްވާ ގެއަށް ގޮސް އޭނާ ސިފައިންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު އެކަން ކަނަލް ޒިޔާދަށް އެންގުމުން ތިން ނަންބަރު ޖެޓީ ކައިރީގައި ސިފައިން ތިބޭނެ ކަމަށާއި އެތަނަށް އަބްދުﷲ ގާޒީގޮވައިގެން ދިޔުމަށް ކާނަލް ޒިޔާދު އެންގި ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
އިބްރާހީމް ދީދީގެ ދިފާއީ ވަކީލު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވައި އަބްދުﷲ ގާޒީ ހައްޔަރު ކުރި އިރު މާލޭ އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ ގޮތުގައި ވެސް ހުންނެވި ނަސްރުﷲ ވިދާޅުވީ އަބްދުﷲ ގަޒީ ހައްޔަރު ކުރުމުގެ ޒިންމާ އިބްރާހީމް ދީދީ ނަންގަވަންޖެހޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އިބްރާހީމް ދީދީގެ ފަރާތުން އަމުރު ކުރާނީ ކާނަލް ޒިޔާދު ކަމަށް އިބްރާހިމް ދީދީ އޭނާ އަރިހު ވިދާޅުވި ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި އެ ކޮމިޝަންގެ ކުރީގެ މެންބަރު އާއިޝަތު ވެލެޒިނީ "އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް" ކާނަލް ޒިޔާދު އޭނާއަށް އަމުރުކޮށްފައިވާ ކަމަށް ވެސް ނަސްރުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ