ދަރުމަވަންތަ ސްކޫލް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނަށް

އެއްދަންފަޅިއަށް ހިންގޭނެ އެންމެ ފުރަތަމަ މޮޑަލް ސްކޫލް "ދަރުމަވަންތަ ސްކޫލް" އިމާރާތްކުރުމުގެ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ޕީއެސްއައިޕީ 2019 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން މިދިޔައީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި އެކުއެވެ.
މި މަސައްކަތަކީ 74 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، އުއްމީދުކުރަނީ 2021 ވަނަ އަހަރު އޭޕްރިލް މަހު މި މަސައްކަތް މުޅިން ނިމި، ހަވާލު ކުރެވޭނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ދިރާސީ އައު އަހަރާއެކު މި ސްކޫލްގައި ކިޔަވައިދެވެން ފެށޭނެ ކަމަށް މިނިސްޓްރީ އިން ވިދާޅުވިއެވެ.
މި ސްކޫލް ޑިޒައިން ކުރެވިފައި ވަނީ ޖުމްލަ 41 ކްލާސްރޫމް އެވެ. މިއިން ކޮންމެ ކްލާސް ރޫމެއްގައި ތިބޭނީ 25 ކުދިން ކަމަށާއި، މި ސްކޫލް ހުޅުވުމުން މިތަނުގައި 1000 ކުދިންނަށް ތައުލީމް ހާސިލް ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން 2 ބުރީގެ ލައިބްރަރީއެއް (ޕްރައިމެރީ އަދި ސެކަންޑަރީ ވަކިން)، އަދި މަސައްކަތު މީހުންނަށް ހާއްސަ ޖަގަހަ ތަކެއްގެ އިތުރުން އިތުރު ހަރަކާތްތައް ހިންގާނެ ރޫމްތައްވެސް ސްކޫލްތައި ހިމެނޭނެ ކަމަށް އެޑިއުކެޝަން މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
ދަރުމަވަންތަ އައު ސްކޫލްގެ އިތުރުން ހުޅުމާލޭ ފޭސް-2 ގައި އަޅަން ހަމަޖެހިފައިވާ އައު ސްކޫލް ގެ ޑިޒައިން މަސައްކަތްވެސް މިމަހު ފަހުކޮޅު ނިމި އިޢުލާނު ކުރެވޭނޭ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި ސަރުކާރުގެ އެއް ވައުދެއް ކަމަށްވާ " ޖަޒީރާ ދަރިވަރު އުނގެނެމުންދާނި އެއްދަންފަޅިއަށް ހިންގޭ ސްކޫލްތަކެއްގައި ވަށާޖެހޭ ތައުލީމެކެވެ" އެގޮތުން މި 2 ސްކޫލް ޑިޒައިން ކުރެވިފައި ވަނީ ވަށާޖެހޭ ތައުލީމެއް ދެވޭ ފުރާފުރިހަމަ 2 ސްކޫލްއެއްގެ ގޮތުގައި ކަމަށް އެމިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ