ކޮވިޑް-19: އިތުރު 17 ދިވެހިންނާއި 6 ބިދޭސީން ފައްސިވެއްޖެ

ނުރައްކާތެރި ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 23 މީހަކު ފައްސިވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިއަދު ފައްސިވީ 17 ދިވެއްސަކާއި 6 ބިދޭސީއެއް ކަމަށެވެ. އެ އިދާރާއިން ވިދާޅުވީ، މިއަދު ފައްސިވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 4 މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލް އަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މިއަދު ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު އަންހެނަކާއި 13 ފިރިހެނެކެވެ. މިއަދު މި ބައްޔަށް ފައްސިވި ހަތަރު އަންހެނުންނަކީ ވެސް ދިވެހިންނެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 174 ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި ރާއްޖެއިން މި ބައްޔަށް ފައްސިވި ބިދޭސީންގެ ތެރެއިން 265 މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ. މީގެ އިތުރުން އިންޑިއާ 52 މީހަކާއި ނޭޕާލްގެ ތިން މީހަކުވެސް މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެއެވެ.
އިތުރު ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މިހާރު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 514 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު (83 އަހަރުގެ ދިވެއްސަކު) ވަނީ މަރުވެފައެވެ. އަދި 17 މީހަކު ބަލިން ރަނގަޅުވެފައި ވެއެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ މާރިޗް މަހުގެ ކުރީކޮޅުއެވެ. އޭގެ ފަހުން މަދު މަދުން ވޭދަނަތައް (ކޭސްތައް) ފެންނަމުން އައިސް އޭޕްރިލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ފައްސިވި ފަހުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައި ވަނީ މާލެއިންނެވެ. މުޖުތަމަޢުތެރެއިން މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، މާލެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ވެސް އެކެއްގެ ސާމްޕަލް މި ވައިރަސް އަށް ފައްސިވެފައި ވެއެވެ. އެހެންކަމުން މި ބަލިމަޑުކަމުގައި ރާއްޖެ މިވަގުތު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ