ވިލާއިން 392 ކޮޓަރި، ބަދަލެއް ބޭނުމެއް ނޫން: ގާސިމް

ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ތިން ރަށް ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކުރީ ހިލޭ ސާބަހަށް ކަމަށާ އެކަމުގެ ބަދަލުގައި ދައުލަތުން އެއްޗެއް ބޭނުންފުޅުނުވާ ކަމަށް ވިލާ ގުރޫޕްގެ ބާނީ އަދި އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ރަށްތަކުގެ ތެރެއިން ފަން އައިލެންޑް، ހޮލިޑޭ އައިލެންޑް ރިސޯޓްގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓް ވަނީ ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ކުންފުނިން ހިންގަމުންދާ ތިން ރަށް ސަރުކާރާ ހަވާލުކުރީ އެ ރިސޯޓްތަކުގައިވާ ހުރިހާ ތަކެއްޗެއް ހުސްވަންދެން ބޭނުން ކުރުމުގެ ހުއްދައާއެކު ކަމަށެވެ. ކަރަންޓީނަށް ދޫކޮށްފައިވާ ރަށްތަކުން ކޮންމެ ކޮޓަރިއަކަށް ސަރުކާރުން 750 ރުފިޔާ ދިނުމަށް ނިންމިއެވެ. ނަމަވެސް ގާސިމް ވިދާޅުވީ ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށްޓަކައި އެމަނިކުފާނުގެ ފަރާތުން ދޭ އެއްވެސް އެހީތެރި ކަމަކަށް ބަދަލު ބޭނުންނުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން މީގެ ބަދަލުގައި ސަރުކާރުން ކިތަންމެ ބޮޑު އެއްޗެއް ދެއްވިޔަސް." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ބޭނުންވީ 1000 ކޮޓަރި ކަމަށާ ވިލާގެ ތިން ރަށުން 392 ކޮޓަރި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ގައުމާއި ރައްޔިތުންނަށްޓަކައި ވެދީފައިވާ އެހީތެރިކަމެއް ކަމަށާ އެމަނިކުފާނުގެ ތަނަވަސްކަން ހުރި މިންވަރަކުން ގައުމާއި ރައްޔިތުންނަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ އިގްތިސާދީ ހާލަތު ހުރިގޮތުން މުވައްޒިފުންގެ މުސާރައަށް ގެނެވުނު ބަދަލުތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ސިޔާސީ ބޭނުމުގައި ވިޔަފާރިވެރިންގެ އަގު ވައްޓާލަން ބަޔަކު އަޑީގައި ތިބެން ޒާތްޒާތުގެ ވާހަކަތައް ފަތުރަމުންދާއިރު އެއީ ގައުމުގެ މަސްލަހަތު ނަގާލުމަށް ކުރެވެމުންދާ ކަމެއް ކަމަށެވެ.
މުވައްޒިފުންގެ މުސާރަ ކުޑަކުރީ އެއްވެސް ބޭންކަކުން ލޯނެއް ނުލިބުމުންކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ސަރުކާރުން ވިޔަފާރިތަކަށް ލޯން ފެސިލިޓީއެއް ހަމަޖައްސައިދެއްވާނެކަން އިއުލާނު ކުރެއްވުމުން 10،000 ދަށުގެ މުސާރަ ލިބޭ އެއްވެސް މުވައްޒިފެއްގެ މުސާރަ ކުޑަނުކުރުމަށް މިހާރު ނިންމާފައިވާނެ ކަމަށެވެ.
"ބަޔަކު ކޮންމެ އެއްޗެއް ކީނަމަވެސް ނެތް އެއްޗެއް ނުދެވޭނެ، ދަރަންޏަށްވެސް އެއްޗެއް ލިބޭނަމަ ނޫންތޯ ދެވޭނީވެސް. ވަރަށް މަސައްކަތް އެބަކުރަން ބޭންކަކުންވެސް ލޯނެއް ލިބޭތޯ." ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ލޯނެއް ހޯދައިގެން ވިޔަސް މުވައްޒިފަކަށް ދެރައެއް ނުލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ވިލާ ކުންފުނިން މީގެ ކުރިން ދުވަހަކުވެސް މުވައްޒިފަކަށް ދެރަވާނެ ގޮތަކަށް ކަންކަން ކުރައްވާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ ވިލާ ގުރޫޕްގެ އަގު ވައްޓާލާ އެމަނިކުފާނާ، ކުންފުންޏާ ގުޅޭގޮތުން ވާހަކަ ދައްކަވާ ބޭފުޅުން ދައުލަތަށް ކިހާ ފައިސާއެއް ދައްކަންތޯ ނުވަތަ ދިވެހި ރައްޔިތަކަށް ކިތަށް ވަޒީފާ ދީފައިވޭތޯ ސުވާލު ކުރައްވާފައެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ މީހަކު ވެސް 14 ދުވަހު ކަރަންޓީނުގައި ބަހައްޓަން ނިންމާފަ އެވެ. އެހެންވެ، ގިނަ ކޮޓަރިތަކެއް އެކަމަށް ބޭނުންވެ އެވެ.
އެކަމަށް އެންމެ ފުރަތަމަ އެހީތެރިވެދިން ބޭފުޅަކީވެސް ގާސިމް އިބްރާހިމެވެ. ކަަރަންޓީް ފެސިލިޓީއަށް ފުރަތަމަ ބަދަލުކުރި ރިސޯޓަކީ ގާސިމްގެ ފަން އައިލެންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ