ވިލާގެ ރިސޯޓްތައް ދޫކުރީ ޝަރުތެއްނެތި: ގާސިމް އިބްރާހިމް

ވިލާ ގުރޫޕް އޮފް ކޮމްޕެނީސްގެ ރިސޯރޓްތައް ކޯވިޑް-19 ގެ އައިސޮލޭޝަން ފެސިލިޓީސްގެ ގޮތުގައި ސަރުކާރަށް ދީފައިވަނީ އެއްވެސް ޝަރުޠަކާއި ނުލައި އިންސާނީ ޚިދުމަތަށްޓަކާ ކަމުގައި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗެއަރމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މުޅި ދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަސްގެ ވަބާއާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން އެ ވަބާ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާއިރު ދިވެހި ރާއްޖެއިންވެސް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ރާއްޖެއަށް އަންނަ އެ ރޯގާގެ ބަލިމީހުންގެ ކިބައިން ބަލި ފެތުރުން ވަނީ ދުނިޔޭގެ ފެންވަރުގައި ކޮންޓްރޯލް ކުރެވިފައެވެ.
މިގޮތުން އެޅުނު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ މީހުންގެ ކިބައިން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަރަންޓީނު ކުރުމަށް އެކި ސަރަޙައްދުތައް ކަނޑައަޅައި ރާއްޖޭގެ ބައެއް ޓޫރިސްޓު ރިސޯޓުތައް ވަނީ އައިސޮލޭޝަން ފެސިލިޓީސްތަކަށް ހަދައިފައެވެ.
ވިލާ ގުރޫޕްގެ ޗެއަރމަން ގާސިމް ވިދާޅުވީ ވިލާގެ 3 ރިސޯޓު މިހާރުވެސް ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ދޫކުރައްވައިފައި ކަމުގައެވެ. އެއިން ރިސޯޓަކަށް ފައިސާ ދައްކަންޖެހޭ ގޮތަށް ދޫކޮށްފައި ނުވާނެ ކަމަށާ އެހެން ނަމަވެސް ރަށުގައިވާ ތެލާއި ސަޕްލައި ހުސްވުމުން ކަރަންޓީނު ކުރެވިފައިވާ މީހުނަށް ބޭނުންވާ ކަރަންޓާއި ކާބޯތަކެތި ހޯދޭނެ ގޮތެއް ނެތް ހާލަތުގައި އެކަންކަން ސަރުކާރުން ހަމައްޖައްސަވާނެކަމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމުގައެވެ.
ނަމަވެސް ކަރަންޓީނު ކުރެވިފައިވާ މީހުންގެ އުނުއަންނައުނު ދޮވުމާއި އެމީހުން ބޭނުންކުރާ ފެނަށް އެއްވެސް އަގެއް ވިލާގެ ރިސޯޓުތަކުން ނުނަންގަވާނެކަމަށް ދަންނަވައިފައި ވާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކާޑުގެ ބާވަތްތަށް ފިޔަވައި ކެއުމުގެ އަސާސީ އެހެނިހެން ބާވަތްތައް ކަމުގައިވާ މަސްމަހާމެހީގެ ބާވަތްތަކަކީވެސް ރިސޯޓުން ދެވެންހުރި މިންވަރަކަށް ދެއްވާ ތަކެތިކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވިލާގެ ރިސޯޓުތަކަކީ ދުވަހުން ދުވަހަށް ލިބޭ އާމްދަނީން ހިންގާ ތަންތަނަށް ވުމާއެކު މިހާރު އެތަންތަނުން އާމްދަނީ ނުލިބޭތީ ތެލާއި އެހެނިހެން ސަޕްލައި ގަންނާނެ ފައިސާ ނެތުމުން މިހާރު ރިސޯޓުތަކުގައިހުރި ސަޕްލައި ހުސްވުމުން ކަރަންޓީނު ކުރެވިފައިވާ މީހުނަށް އެތަކެތި ފޯރުކޮށްދެވެން ނޯންނާނެ ކަމަށާ އެހެން ނަމަވެސް ކުންފުންޏަށް ފައިސާ ލިބޭނަމަ އެކަންވެސް ކޮށްދެއްވާނެކަމަށް ދެންނެވި ކަމުގައެވެ. އަދި ވިލާގެ ރިސޯޓުތަކުގެ މުއައްޒަފުންގެ ޚިދުމަތަށްވެސް އަގެން ނުނަންގަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި އާމްދަނީ ލިބޭނެ ގޮތެއް ނެތުމާއި ކުންފުނި ދެމެހެއްޓުމަށްޓަކައި ބޭނުންވާ ފައިސާ ނެތުމުން މުއައްޒަފުންގެ ބައިވެރިވުން ހިމެނޭގޮތުން މިހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅުއްވަން ވިސްނަވާކަމަށް ގާސިމް ވިދާޅުވިއެވެ.
އެގޮތުން ސަރުކާރުގެ ވަޢުދުތަކަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން މުއައްޒަފުންގެ މުސާރަ ކުޑަކުރެއްވުމަށް ނިންމެވިނަމަވެސް 10 ހާސް ރުފިޔާއިން ދަށުގެ މުސާރަލިބޭ އެއްވެސް މުއައްޒަފެއްގެ މުސާރައިން އުނި ނުކުރަން ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ކުންފުންޏަށް ލިބެންޖެހޭ ފައިސާ ގަވާއުދުން ލިބެމުން ނުދިއުމާއި އެކި ގޮތްގޮތުން ހޯދަން މަސައްކަތްކުރެވުނު ލޯނުތައްވެސް ނުލިބޭތީ އަޅަންޖެހޭ ބައެއް މާލީ ފިޔަވަޅުތައް ވިލާ ޝިޕިންގާއި ވިލާ ގުރޫޕުން އަޅަންޖެހޭ ވަގުތުގައި ހާލަތަށް ރިޢާޔަތްކުރައްވާ އަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ.
އެއްވެސް މުއައްޒަފަކަށް ދެރަގޮތެއް ހައްދަވައިފައި ނުވާނެކަމަށާ ނުވެސް ހައްދަވާނެކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިފަދަ ވަގުތެއްގައި ސިޔާސީ މަންފާއެއްގެ ބޭނުމުގައި އެކިގޮތްގޮތަށް ވާހަކަ ދެއްކުމަކީ ކުރަން ހެޔޮނުވާވަރުގެ ކަމެއް ކަމަށާ އެފަދަ ކަންކަމަށްވުރެ މިވަގުތު ގައުމާއި ރައްޔިތުންގެ ހައްގުގައި ކަންކަން ކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ވިލާ ގުރޫޕްގެ ރިސޯޓްތައް ދަރުމައަށްޓަކައި ދޫކުރައްވާފައިވާއިރު ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗެއަރމަން ގާސިމް އިބްރާހީމް ކުރައްވާފައިވާ ވިޔަފާރި އިންވެސްޓުމަންޓުތަކާއި އެއްވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް އިންވެސްޓު ކުރައްވައިފައިވަނީ އިންސާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާކުރުމާއި ދިވެހީންގެ ދުޅަހެޔޮ ކަމަށެވެ. އަދި ވިލާ ފައިންޑޭޝަނުން ތަޢުލީމީ މީހުން ބިނާކުރުމާއި ޢާންމު ޞިއްޙަތުގެ ހޭދަތަކުގެ އިތުރުން ދަރުމަވެރި ޖަމިއްޔާ ޖަމާޢަތްތަކަށްވެސް ގާސިމް ގެންދަވަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އަދި ސަރުކާރުން ބޭނުންވި ކޮންމެ ހިނދެއްގައި މަދަދު ދެއްވަމުން ގެންދަވާއިރު މިއަދުގެ ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހުންނެވުމާއިއެކު ޤާސިމް ވިދާޅުވީ ސަރުކާރުގެ ވަޢުދުތަކަށް ފުރިހަމައަށް އިޙުތިރާމް ކުރައްވައި އެއްބާރުލެއްވުން ދެއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް،،
ގާސިމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ހާލަތާއި ގުޅިގެން ވަމުންދާގޮތް އެންމެނަށްވެސް ފެނަންއޮތް ކަމަށެވެ. ޔޫރަޕް ފަދަ ކުރިއަރައިފައިވާ ގައުމުތަކުގައި ކަންތައްތައް ވަމުންދާގޮތަށް މި ރާއްޖޭގައި ކަންތައް ހިނގަން ފަށައިފިނަމަ ވާނެގޮތް ހިތަށް ގެންނަންވެސް އުނދަގޫ ކަމުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖެއިން ފުރަތަމަ މަރުޙަލާއިންފެށިގެން ފިޔަވަޅުތައް އަޅުއްވައިފައިވާތީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ހާލަތަށް އައި ބަދަލުތަކާއެކު ކަންކަން ނިއުޅެމުންދާގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ސަރުކާރުން ކަން ކުރައްވާގޮތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޮންމެހެން އޭގެ ތަފްސީލަށް ނުދިޔަ ނަމަވެސް ވިލާ ގުރޫޕާއި އެމަނިކުފާނަކީ އިންސާނިއްޔަތަށް އެހީވުމަށް މަސައްކަތްކުރާ ބައެއްކަން ކޮންމެ ބަޔަކަށްވެސް ދިވެހި ރައްޔިތަކަށްވިއްޔާ އެނގޭނެ ކަމުގައެވެ. އެހެންނަވެސް މުއައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނަންޖެހުނީ މާލީ ދަތިކަން ހުރުމާއެކު އެއްވެސް ގޮތަކުން ފައިސާ ނުލިބުމުން ކަމަށެވެ. އަދި ލޯނެއްވެސް ލިބޭނެގޮތެއް ނެތީމާ ކަމުގައެވެ.
ގާސިމް ވިދާޅުވީ ރަމަޟާންމަސް ކައިރިވަމުން އަންނަ ކަމަށާ އެކަމާމެދު ވަރަށް ބޮޑަށް ފިކުރު ހިންގެވި ކަމުގައެވެ. އަދި އެއްވެސް ގޮތަކުން ލާރިއެއް ނުލިބުމުން އެ ފިޔަވަޅުނޫން އެހެން ފިޔަވަޅެއް އެޅެންނެތީމާ ދެން ދެއްކޭނެ ވާހަކައެއްނެތް ކަމަށެވެ. ސަބަބަކީ އެއްޗެއްނުދީ ތިއްބައި މުއައްޒަފުންނަށް ހުރިހާކަމެއް ހަމަޖެހޭނެކަމަށް ހީކުރެވިދާ ހާލަތެއްގައި އެބޭފުޅުންނަށް އެ ނުލިބިއްޖިއްޔާ އެއީ ވަރަށް ހިތާމަވެރި ކަމަކަށް ވާނެ ކަމުގައެވެ.
ގާސިމް ވިދާޅުވީ އެއްވެސް އިރެއްގައި ބާރުހުރިކަން ދައްކަން ނުވަތަ ބޮޑާކަން ދައްކަން ނުވާނެކަމަށާ ޚާއްސަކޮށް މިވަގުތަކީ އެފަދަކަންކަން ދައްކަންވީ ވަގުތު ނޫން ކަމުގައެވެ. އަދި ވިލާ ގުރޫޕުން މިހާދުވަސްވަންދެން ކުންފުނި ކުރިއަށްގެންދިޔައީ މާލީ ތަނަވަސްކަން ލިބެމުން ދިއުމުން ކަމުގައެވެ. އަދި ޔޫރަޕާއި އެމެރިކާފަދަ ތަންތަނުގައި މާލީ ދަތިކަން ކުރިމަތިވުމުން ކަންކަން ކުރާގޮތް ދިވެހި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މާލީ ތަނަވަސްކަންހުރި އިނގިރޭސިވިލާތްފަދަ ގައުމުތަކުގެ ކުންފުނިތަކުންނާއި މުސާރަދޭ ފަރާތްތަކުން 20 ޕަރސެންޓު ދީފިނަމަ އަނެއް 80 ޕަރސެންޓު ސަރުކާރުން ހިލޭދޭ ކަމުގައެވެ. އަނބުރައި ދައްކަން މުއައްޒަފުންނަށްދެނީ ލޯނުވެސް ނޫންކަމުގައެވެ. ދިވެހި ސަރުކާރުގައި އެފަދަ ވަރެއްހުރިނަމަ ޔަޤީނުންވެސް ސަރުކާރުން އެގޮތަށް ދެއްވާނެކަމަށް ގަބޫލުކުރައްވާކަމުގައި ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އައިސޮލޭޓް ފެސިލިޓީގެ ގޮތުގައި 1000 އެނދު ބޭނުންވާކަމަށް ވިދާޅުވެފައިވާ ކަމުގައެވެ. އެކަމަށްޓަކައި ވިލާގެ އަނެއް ދެ ރިސޯޓުކަމުގައިވާ ރޯޔަލް އައިލެންޑާއި ސަންއައިލެންޑުވެސް ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ