މާލޭގެ ބޮޑުބަޔަކުން މިއަދު ކަރަންޓް ކެނޑުމަށް ފަހު އަލުން ކަރަންޓު ދީފައި ވިޔަސް، އަދިވެސް ދޭތެރެ ދޭތެރެއިން މާލެ އިން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މުޅި މާލެ އިން ކަރަންޓު ކެނޑުނީ މާލެ އަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބޮޑެތި ހުރިހާ ޖެނެރޭޓަރުތަކެއް ފެއިލްވުމުން ކަމަށެވެ. އަދި އެ މައްސަލަ ދިމާވީ "ފޯތު ޕަވަ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ މަސައްކަތް ކުރިއަށް ދަނިކޮށް ކަމަށާއި އެ މަސައްކަތް ކުރިއަށްދާ އިރު އަދިވެސް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މިއަދު މެންދުރު ފަހު 20: 2 ހާއިރު ކަރަންޓް ކެނޑުމަށް ފަހު އަލުން ކަރަންޓު ލިބެންފެށީ ހަވީރު 30: 4 ހާއިރެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ އެ ޕްރޮޖެކްޓްގެ މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށާއި ބޮޑެތި ހުރިހާ އިންޖީނުތަކެއް ފެއިލްވެފައިވާ އިރު ކަރަންޓް ކެނޑެން މެދުވެރިވީ ސީދާ ކޮން ސަބަބަކާ ހުރެކަން ބުނަން ނޭނގޭ ކަމަށެވެ.
މިއަދު ހަވީރު ސްޓެލްކޯ އިން ބުނީ މިހާތަނަށް މާލޭގެ ގިނަ ސަރަހައްދުތަކަށް ކަރަންޓް ދެވިފައިވީ ނަމަވެސް މުޅި މާލެ އަށް އަދި ކަރަންޓު ނުދެވޭ ކަމަށެވެ. އަދި މި މަޝްރޫއު ކުރި އަށް ދަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށާއި އެ މަސައްކަތްކުރާ ވަގުތު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި މިކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ވެސް ސްޓެލްކޯ އިން ހާމަކުރިއެވެ.
ރަސްމީ ގަޑީގައި ކަރަންޓް ކެނޑުމާ ގުޅިގެން ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ މަސައްކަތް ވެސް ވަނީ ހުއްޓިފަ އެވެ.
ފޯތު ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް، ޑެންމާކް ސަރުކާރުގެ އެހީގައި، 2005 އަހަރު ހުށަހަޅައި 2008 ވަނަ އަހަރު ޖަރމަން-ޑެނިޝް ކޮންސޯޓިއަމްއާ ހަވާލުކޮށްފައިވާ 540 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.
އެ ކުންފުނިން ވަނީ މިހާރު ހިންގާ ކަރަންޓް މަޝްރޫއުގެ ދަށުން 8،000 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރު ގުޅާލައި ޓެސްޓްކުރަން ފަށައިފަ އެވެ. އަދި މި މަހުގެ ފަހުކޮޅު އެ ޖަނަރޭޓަރުތައް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެ އެވެ.
އަދިވެސް ކަރަންޓް ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ