އަގުހެޔޮ ފްލެޓްތައް އިމާރާތްކުރަން ހުށަހެޅި އަގުތައް ބޮޑު: އެޗްޑީސީ

އާންމުންނަށް އެކަށީގެންވާ އަގެއްގައި ކުލި ދެއްކޭ ފެންވަރަށް ހުޅުމާލޭގައި ބިނާކުރަން ހަމަޖައްސާފައިވާ 500 ފްލެޓް އިމާރާތްކޮށްދިނުމަށް ކުންފުނިތަކުން ހުށަހެޅި އަގު ބޮޑުކަމުން ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކުންފުނިތަކާ މަޝްވަރާ ކުރަން ފަށައިފި އެވެ.
އެޗްޑީސީން ބުރާސްފަތިދުވަހު ބުނި ގޮތުގައި އަގު ހެޔޮކޮށް ދޫކުރަން ބިނާކުރާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓްތައް އިމާރާތްކުރުމަށް ކުންފުނިތަކުން ހުށަހަޅާފައި ވަނީ އެޗްޑީސީން ލަފާކުރި އަގަށް ވުރެ ބޮޑު އަގުތަކެކެވެ.
އެ ކުންފުނީގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ސުހެއިލް އަހުމަދު ބުދަ ދުވަހު ވިދާޅުވި ގޮތުގައި އަގު ހެޔޮކޮށް ކުއްޔަށް ދިނުމަށް ހަދާ ފްލެޓްތައް އާންމުންނަށް ދޫކުރެވޭނެ ކަމަށް ކުރިން ލަފާކުރި އަގު ވެސް ކުޑަކުރެވޭތޯ އެޗްޑީސީން ދަނީ މަސައްކަތްކުރަމުންނެވެ. އެކަމަކު އެ އަގު މިހާރު އޮތް ވަރަށް ވުރެ ކުޑަކުރެވޭނީ ކުންފުނިތަކުން މަސައްކަތްކުރަން މިހާރު ހުށަހަޅާފައިވާ އަގު ވެސް ކުޑަކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓެންޑަ ބޯޑުން 500 ފްލެޓް ބިޑްކުރި. އެކަމަކު ބިޑްކޮށްގެން ލިބިފައިހުރި އަގުތައް އަޅުގަނޑުމެން ލަފާކުރި ވަރަށް ވުރެ ބޮޑު. އެހެންވީމަ، އިތުރަށް ކޮންޓްރެކްޓަރުންނާ ވާހަކަ ދައްކައިގެން އިތުރު އޮޕްޝަންތަކެއް ލިބޭތޯ ބަލަމުންދަނީ،" ސުހެއިލް ވިދާޅުވި އެވެ.
އެކަށީގެންވާ އަގެއްގައި ކުލި ދެއްކޭ ފެންވަރުގެ ފްލެޓްތައް އެޅުމަށް ސްޓޭޓް ބެންކް އޮފް އިންޑިޔާ އިން 10 މިލިއަން ޑޮލަރު ( 128.5މިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމް ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ޕްރޮޖެކްޓްގެ އެއް ބަޔަށް ބޭނުންވާ ފައިސާ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި އަގު ހެޔޮ ފްލެޓް އެޅުމުގެ ޕްރޮޖެކްޓް ފެށުމަށް ބޭނުންވާ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ ކަމަށެވެ.
ހުޅުމާލޭގައި މި އަހަރު ވަނީ 64 ރޯ ހައުސް އާއި އެއް ކޮޓަރީގެ 100 ފްލެޓް އަޅައިފަ އެވެ. އަދި އެ ރަށުން މި އަހަރު ވަނީ އިތުރު ގޯތި ވެސް ދޫކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ