މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ބުނާ ހ. ރީނދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައި ކޯޓުން މިއަދު އަމުރެއް ނެރެފި އެވެ.
ހައި ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޖިނާއީ ކޯޓުން ނިންމި އޭނާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އެ ކޯޓުން އަންގަންދެން އާދަމް ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. އެ އަމުރުގެ ރައްދުކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އާދަމް ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނީ އެ ފަރާތުން ކަމަށެވެ. އޮފިޝަލް ވިދާޅުވީ އެގޮތަށް އެދިފައި ވަނީ ހައި ކޯޓުގެ މައްސަލަ ނިމުމުގެ ކުރިން އާދަމް ނަސީރު ބޭރަށް ފިލައިގެން ދާންއުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން ކަމަށެވެ. އޭގެ އިތުރުން އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
އާދަމް ނަސީރާއި އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ބޭންކު އެކައުންޓުތައް ހިފެހެއްޓުމަށް ވެސް މި މަހުގެ ހަތެއްގައި ހައި ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.
އާދަމް ނަސީރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖިނާއީ ކޯޓުން ހުކުމްކޮށްފައި ވަނީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ކާފީ ހެކި ހުށަހަޅާފައިނުވާ ކަމަށް ބުނެ އެވެ. ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އާދަމް ނަސީރު ސ. ހިތަދޫގައި ދިރިއުޅޭ ގެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އަހުމަދު ރަމްޒީ ކިޔާ މީހަކު ބުނާ ބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
އާދަމް ނަސީރުގެ ގޯތި ތެރެއިން މަސްތުވާތަކެއްޗާއި މަސްތުވާއެއްޗެހި ބަންދު ކުރާ ޕެކެޓުތަކަކާއި ގިނަ އަދަދެއްގެ ފައިސާ އާއި ޑޮލަރުގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ހުރި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ ބުނާ ވީޑިއޯއެއް ފުލުހުން ވަނީ އާންމު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ވީޑިއޯ އާއި މަސްތުވާތަކެތި ބަންދު ކުރާ ޕެކެޓްތައް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި އެ މައްސަލައާ ގުޅޭ އެއްވެސް ފިންގާ ޕްރިންޓެއް ވެސް ޝަރީއަތަށް ހުށަހަޅާފައެއް ނުވެ އެވެ.
އާދަމް ނަސީރުގެ އަތުންނާއި އޭނާ ސ. ހިތަދޫ އަދި މާލޭގައި ދިރިއުޅޭ ގެއިންނާއި އޭނާގެ އަންހެނުން އަތުން ފުލުހުން ވަނީ 5.5 މިލިއަނަށް ވުރެ ގިނަ ފައިސާ ހޯދައިފަ އެވެ.
އާދަމް ނަސީރުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ހައި ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ