ސާބިތު ދަރަނި ދެއްކުމަށް ޕްރެސް ސެކްރެޓްރީ އަށް 10 ދުވަހުގެ ފުރުސަތެއް ކޯޓުން ދީފި

އަސަރީ ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހައިރު ދައްކަވަން ޖެހޭ 271،125ރ. ގެ ސާބިތު ދަރަނި ދެއްކުމަށް ނުވަތަ ފައިސާ ދެއްކުމުގައި ލުއި ގޮތެއް ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް މަދަނީ ކޯޓުން ބުރާސްފަތި ދުވަހު ދީފި އެވެ.
މަދަނީ ކޯޓުގައި ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ޒުހައިރުގެ ވަކީލު ވިދާޅުވީ ފައިސާ ދައްކަން ޖެހޭނެ ކަމަށް އެ މައްސަލަ އެންމެ ފުރަތަމަ މަދަނީ ކޯޓުން ނިންމާފައި ވަނީ 2003 ވަނަ އަހަރު ކަމަށެވެ. އަދި އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި އިސްތިއުނާފު ކުރި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ހައި ކޯޓުން މައްސަލަ ކުރިއަށް ގެންދިޔަ ކަމެއް ވެސް މައްސަލައިގައި ހުކުމެއް ކުރި ކަމެއް ވެސް އެނގިފައިނުވާ ކަމަށް ވަކީލު ވިދާޅުވި އެވެ.
އަސަރީ ސާވިސަސް އަށް އެހާ ގިނަ ފައިސާ ދައްކަވަން ޒުހައިރަށް ޖެހިވަޑައިގެންފައި ވަނީ އެތަނުން އޭނާ ކުއްޔަށް ގެންދެވި ޕްރޮޖެކްޓަރެއްގެ މައްސަލާގައި ކަމަށް ކޯޓުން ބޭރުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ. އެހާ މައްޗަށް ފައިސާ އެރީ އެ ފައިސާ ނުދައްކަވާ ގިނަ ދުވަސްވެފައި ވާތީ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ޒުހައިރުގެ ވަކީލު ވިދާޅުވީ އެ މައްސަލަ ހައި ކޯޓުން ނިންމިކަން އެނގުނީ ވަރަށް ފަހުން ކަމަށާއި މިހާރު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް 15 ވަރަކަށް ދުވަހުގެ ފުރުސަތެއް ދެއްވުމަށް ވަކީލު އެދިވަޑައިގަތެވެ. އަދި އަސަރީ ސާވިސަސްއާ ވާހަކަ ދައްކައިގެން އެ މައްސަލަ ލުއި ގޮތަކަށް ހައްލު ކުރުމަށް ފުރުސަތެއް ދެއްވުމަށް ވެސް ޒުހައިރުގެ ފަރާތުން ކޯޓުގައި އެދިވަޑައިގަތެވެ.
އަސަރީ ސާވިސަސްގެ ފަރާތުން މުހައްމަދު އާޒިމް (އާޒިމްބެ) ވިދާޅުވީ އެއީ ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލައަކަށްވުމާ އެކު އަސަރީ ސާވިސަސްގެ ފަރާތުން އެކަމަށް ދެވޭނެ އިތުރު ލުޔެއް ނެތް ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަސީރު ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ފުރުސަތެއް ނުދެއްވޭނެ ކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުން ނިންމާފައި ވަނީ 2004 ވަނަ އަހަރު ކަމަށް ފާހަގަކުރައްވަމުން ގާޒީ ވިދާޅުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އިލްތިމާސް ކޮމެޓީ އަށް ނުވަތަ މިހާރުގެ ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުމަށް އެކަށީގެންވާ ފުރުސަތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ދެއްކުމުގައި އަސަރީ ސާވިސަސްއާ ވާހަކަ ދައްކައިގެން ލުއި ގޮތެއް ހަމަޖެއްސުމަށް ނުވަތަ އެ ފައިސާ ދެއްކުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ