18 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރާއްޖޭގެ ތާރީހުގައި ނަމޫނާ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގަލޮޅު ދެކުނު ދާއިރާއަށް ދެވަނަ ދައުރަކަށް އަހުމަދު މަހްލޫފް އިންތިހާބުވެވަޑައިގެންފައިވާތީ އެކަން ފާހަގަކުރުމަށް މާލެ އިމްޕީރިއަލް ކައިރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ރާއްޖޭގެ ތާރީހުގައި ނަމޫނާ މަޖިލީހަކަށް ވެގެންދާނީ ސަރުކާރު ކޯލިޝަނަށް ސާފު އަޣުލަބިއްޔަތެއް ލިބިފައިވުމުން ކަމަށެވެ.
މައުމޫން ވިދާޅުވީ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތެއް އޮވެގެން ރައްޔިތުންނަން ހިދުމަތްކުރާ މަންޒަރު ފެނިގެން ދިއުމަކީ މަޖިލީހުގެ މުހިންމުކަމާއި މަޖިލީހުގެ ތަސައްވުރު އެތައް ގުނައަކަށް ރައްޔިތުންގެ ކުރިމަތީގައި އިތުރުވެ އުޖާލާ ވެގެންދާނެ ކަމެއް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިންމު މުއައްސަސާއެއް، އެވާހަކަ ދަންނަވާކަށް ނުޖެހޭނެ، އެހެންނަމަވެސް އެ މަޖިލީހުން ވޭތުވެދިޔަ ތާންގައި، 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެނިގެންދިޔަ މަންޒަރުތަކަކީ އެ މަޖިލީހަށް އޮންނަން ޖެހޭ ހައިބަތާއި ގަދަރު އެތައް ގުނައަކަށް އުނިވެގެންދިޔަ ކަމެއް، އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން." މައުމޫން ވިދާޅުވި އެވެ.
މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ މަޖިލިސް ވާންޖެހޭނީ، އެމަޖިލީހުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ މަޖިލީހަކަށް ކަމަށާއި އެ މަޖިލިސް ވާން ޖެހޭނީ ރައްޔިތުން ހިދުމަތްކުރާ މަޖިލީހަކަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ މަޖިލީހަކަށާއި ރައްޔިތުންނަށް ކުރިއެރުމާއި ހަމަޖެހުން ގެނެސްދޭ މަޖިލީހަކަށް ވާން ޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ވަރުގަދަ މެނިފެސްޓޯއަކާއި އެކީގައި އެވެ. އަދި ރައީސް ޔާމީނަށް ވެރިކަމުގައި އެ ހުންނެވެނީ ރައްޔިތުން މެނިފެސްޓޯ ބަލައިގަތީމަ ކަމަށާއި މެނިފެސްޓޯގައި ހުރި ކަންކަން ހަލުވިކަމާއިއެކު ފޯރުކޮށްދެވޭނީ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ އަޣުލަބިއްޔަތެއް އޮވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންނޫންނަމަ އެމަނިކުފާނު ކުރައްވަން ބޭނުންފުޅުވާ ކަންތައްތަކަށް ހުރަސް އެޅޭ ގޮތް ދިމާވާނެ، ބަޔަކު، އެމަނިކުފާނަށް އެކަންތައްތައް ކުރުއްވިޔަ ނުދީ ހިފެހެއްޓޭތޯ މަސައްކަތްކުރާނެ، އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން، އެހެންވީމަ އަޅުގަނޑުމެން މި އުފާކުރަނީ މި ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީމަ. (މަޖިލިސް އަޣުލަބިއްޔަތު) ." ރައީސް މައުމޫން ވިދާޅުވި އެވެ.
އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ޖަލްސާގައި ރައީސް މައުމޫން ވަނީ ގަލޮޅު ދެކުނު ދާއިރާއަށް މަހްލޫފް ހޮއްވަވައިދެއްވުމަށް ވޯޓު ދެއްވި ދާއިރާގެ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މަހްލޫފްގެ ވާހަކައިގައި ވެސް އޭނާއަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.
މަހްލޫފް ވިދާޅުވީ ތަފާތު އެކި އެކި ސަބަބުތަކާއި ހުރެ މަދު ގެއެއް ފިޔަވައި ހުރިހާ ގެއަކަށް ޒިޔާރަތްކުރުމުން އެ ހުރިހާ ގެއެއްގެ މީހުން ވެސް އޭނާ ބަލައިގެންފައިވާ ކަމަށާއި އެއްވެސް ގެއެއްގެ ބަޔަކު އޭނާ އާއި ދިމާލަށް ބަދު ބަހެއް، ނުވަތަ ހަޅޭއްލެވުން ފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. ނަމަވެސް 2009 ވަނަ އަހަރު މަޖިލިސް ކެމްޕެއިން ތެރޭގައި ބައެއް ގޭތަކަށް ޒިޔާރަތްކުރުމުން ހަޅޭއްލެވި ނަމަވެސް އެ ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ދޮންނަމެޝަނާއި ރައިސްކުކަރު ފަދަ ތަކެއްޗަށް" ގަލޮޅު ދެެކުނު ދާއިރާގެ ރައްޔިތުން ނުގުޑާކަން މަޖިލިސް އިންތިހާބުގައި ހާމަވެގެން ގޮސްފައިވާ ކަމަށާއި އެހެން ކަމުން އެ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްވާނީ ރާއްޖޭގެ ތާރީހުގައި ނަމޫނާ މަޖިލީހަކަށް - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ