ގާސިމް، އުއްޗު އަދި އަދީބް ބައްދަލުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) މިރޭ ބައްދަލުކުރައްވައިފި އެވެ.
މިތިން ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ދިޔައީ ދިޓީވީ ހިންގާ އިމާރާތުގައި އުއްޗު އެކިއެކި ބޭފުޅުންނާ ބައްދަލުކުރައްވަމުން ގެންދަވާ ތަނުގަ އެވެ.
އުއްޗުއާ ގާސިމް ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އެތަނަށް މިނިސްޓަރު އަދީބް ވަޑައިގެންނެވީ ކަމަށްވެސް އެތަނުގައި ހުރި ވީނިއުސްގެ ނޫސްވެރިޔާ ވަނީ މައުލޫމާތު ދީފަ އެވެ.
މި ތިން ބޭފުޅުންގެ ބައްދަލުވުމަކީ އެކުވެރިކަމުގެ ބައްދަލުވުމެއް ކަމަށާއި މިބައްދަލުވުމުގައި ސިޔާސީ ކަންކަމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޗަމްޕާ (އުއްޗު) އާއި އެކު ޖޭޕީގެ ލީޑަރ މިރޭ ބައްދަލުވުމެއް އޮންނާނެ ކަން އެމްޑީޕީ ގެ ޗެއަރޕާރސަން އަށާއި ޕާލަމެންޓްރީ ގްރޫޕް ލީޑަރުގެ މައުލޫމާތައްޓަކައި ދަންނަވާފައިވާ ކަމަށް ވިދާޅުވެ ޖޭޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރ ޢަބްދުﷲ ރިޔާޒް މިރޭ ވަނީ ޓްވިޓެއް ކުރައްވާފައެެވެ.
ޖޭޕީގެ ނާއިބް ލީޑަރ އަމީން އިބްރާހީމް މިރޭ ކުރައްވާފައިވާ ޓްވިޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދާއި ނާޒިމް އާއި ދެންވެސް ތިބި މީހުންގެ ހައްްޤުގައި ޖޭޕީގެ ލީޑަރ ކޮންމެ ބޭފުޅަކާވެސް، ކޮންމެ ތަނެއްގައިވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.
މިރޭގެ މި ބައްދަލުވުން އޮތް ތަނުގައި މިދިޔަ މަހުގެ ތެރޭގައިވެސް ވަނީ ޤާސިމް އާއި ޗަމްޕާ ބައްދަލުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ