ސަޢުދީ ޢަރަބިއްޔާ އިސްވެ އޮވެ ޔަމަންގެ ޙޫޘީންނާ ދެކޮޅަށް ދެމުންދާ ވައިގެ ޙަމަލާތަކާ ގުޅިގެން ޔަމަންގައި ތިބި ޕާކިސްތާނު ރައްޔިތުން އެޤައުމުން އަނބުރާ ގެންދަން ފަށައިފިއެވެ.
ޔަމަންގެ އަލް ހުދައިދާ ކިޔާ ސިޓީއަކުން ޕާކިސްތާނުން ވަނީ އެޤައުމުގެ ފައްސަތޭކައެއްހާ ރައްޔިތުން ވައިގެ މަގުން އަނބުރާ ގެންގޮސްފައެވެ. އެމީހުން ގެންދިޔައީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންގެ ޚާއްސަ ބޯޓެއް ފޮނުވައިގެންނެވެ. މީގެ ފުރަތަމަ ފްލައިޓް ކަރާޗީގެ އެއަރޕޯޓަށް ޖައްސާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.
ޔަމަންގެ އެހެން ސިޓީތަކަށް ޕާކިސްތާނު ސިފައިން ފޮނުވައިގެން، އެ ސިޓީތަކުގައި ތިބި ޕާކިސްތާނުގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމުގެ މަސައްކަތް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
ޔަމަންގެ އެކި ހިސާބުތަކުގައި ޕާކިސްތާނުގެ ތިންހާހެއްހާ ރައްޔިތުން އުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޕާކިސްތާނު ނޫނަސް، ޔަމަންގައި ތިބި ބޭރު ޤައުމުތަކުގެ ރައްޔިތުން ނިސްބަތްވާ ޤައުމުތަކުން، އެޤައުމުތަކުގެ ރައްޔިތުން ޔަމަނުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ.
ޔަމަންގެ ދެކުނުގެ އެންމެ ބޮޑު ރަށް ޢަދަންގައި ތިބި ސަޢުދީ އަދި ބޭރު ޤައުމުތަކުގެ ޑިޕްލޮމޭޓުން މިދިޔަ ހޮނިހިރު ދުވަހުވަނީ، ޔަމަނުން ބޭރަށް ގެންގޮސްފައެވެ. ޑިޕްލޮމޭޓުން ޔަމަނުން ބޭރަށް ގެންދިޔައީ ސަޢުދީ ކަނޑުގެ ސިފައިންގެ ފައުޖުތަކުންނެވެ. އެއެންމެން މިހާރު ތިއްބެވީ ސަޢުދީގައެވެ.
ޔަމަނަށް ދެމުންދާ ވައިގެ ޙަމަލާތަކާ ގުޅިގެން ޔަމަންގައި ތިބި ޕާކިސްތާނު ރައްޔިތުން އަނބުރާ ގެންދަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ