އިންޑިޔާގެ ލޯބިވެރިންގެ ހައްގު ހޯދާ ދޭން ލޯބިވެރިންގެ ޕާޓީއިން މަޖިލީހަށް ނިކުންނަނީ

އިންޑިޔާގެ ލޯބިވެރިންނަށް ޚާއްސަ ޕާޓީ "އޯލް އިންޑިއަން ލަވަރސް ޕާޓީ" އިން ޓަމިލް ނާޓޫ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލީހަށް ކުރިމަތިލުމަށް ކެންޑިޑޭޓުން ނެރުމަށް ނިންމައިފި އެވެ.
އެ ޕާޓީގެ ބާނީ ބީ ކުމާރު ސްރީ ސްރީ ބުނީ، އިންޑިޔާގެ ލޯބިވެރިންގެ ހައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން އުފެއްދި އޯލް އިންޑިއަން ލަވާރސް ޕާޓީ އިން ޓަމިލް ނާޑޫގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުން މި ފަހަރު 40،000 އާއި 50،000 އާ ދެމެދުގެ އަދަދަށް ވޯޓު ހޯދާނެ ކަމަށެވެ.
ހަމައެކަނި ޓަމިލް ނާޑޫގައި ރަޖިސްޓަރ ކޮށްގެން ހިންގަމުން ގެންދާ އޯލް އިންޑީއަން ލަވާރސް ޕާޓީ، އިންޑީޔާގެ ޤައުމީ އިލެކްޝަންސް ކޮމިޝަނުން ފެޑެރަލް ރަޖިސްޓްރީ ހޯދާނެ ކަމަށް އެ ޕާޓީގެ ބާނީ ބުނެ އެވެ.
ޓަމިލް ނާޑޫ ސްޓޭޓުގެ ޤާނޫނު ހަދާ މަޖިލިސް ހޮވުމުގެ ގޮތުން 2011 ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި އޯލް އިންޑިޔަން ލަވާރސް ޕާޓީއަށް ލިބިފައި ވަނީ 3000 ވޯޓެވެ.
2008 ވަނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ރަޖިސްޓަރ ކުރި މި ޕާޓީގެ މަޤްސަދަކީ، މަތިފުށާއި ދީން ތަފާތު ވުމުގެ ސަބަބުން ލޯބީގެ ގުޅުމަށް އެކިއެކި ހުރަސްތައް ކުރިމަތިވެފައިވާ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުން ކަމުގައި އެ ޕާޓީގެ ބާނީ ބީ ކުމާރު ސްރީ ސްރީ ބުނެ އެވެ.
އެ ޕާޓީގެ ނިޝާނުގައި ފިޔާތޮށި ކުލައިގެ ބެކްގްރައުންޑެއްގައި ހުދު ކުލައިގެ ހިތެކެވެ. އެ ހިތުގެ އެއް ކޮޅުން އަނެއް ކޮޅަށް ތީރެއް ވަދެފައި އޮވެ އެވެ. އަދި މީގެ އިތުރުން، ލޯބި ހާމަ ކުރުމުގެ ގޮތުގައި އިންޑިޔާގައި ހުންނަ، މުޅި ދުނިޔޭގައި ވެސް މަޝްހޫރު ބިނާ ތާޖު މަހަލް އެ ހިތުގެ ތެރޭގައި ކުރަހާފައި ހުރެ އެވެ.
ތާޖު މަހަލް އަކީ އިންޑިޔާގައި މުޣަލް ދަރިކޮޅުގެ ރަސްކަން އޮތް އިރު، ރަސްގެފާނު ޝާހު ޖަހާން އޭނާގެ އަނބިމީހާ މުމްތާޒް މަހާލް މަރު ވުމުގެ ސަބަބުން އޭނާގެ ހަނދާނުގައި ހެދި ބިނާ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ