ޝަހީދު ހުސެއިން އާދަމްގެ ނަން ބަދަލު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ދިވެހި ފުލުހުންގެ މައި އިދާރާ ޝަހީދު ހުސެއިން އާދަމް ބިލްޑިންގެ ނަމާއި، ކުލަ ބަދަލު ކުރަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަކަށް ވަނީ ބަހުސް ކޮށްފައެވެ. މި ބަހުސް ނިމުމަކަށް އައުމުން ވާހަކަ ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ގިނަ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިފަދައިން މިއަދު މަޖިލީހުގައި ފުލުހުންނާއި ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައިވެސް ގިނަ މެމްބަރުން ވަނީ ފުލުހުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އަދާ ނުކުރާ ކަމަށް ވިދާޅުވެ ފާޑު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ