ހދ. ކުޅުދުއްފުށީގައި މިސަރުކާރުން ހިންގާ މަޝްރޫއުތައް ބަލައިގަނެ އެރަށުގެ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމިނާއެކު ކުރިއަށް ދާން ތައްޔާރަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވީ ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ގާއިމްކުރި ފުޅީގައި ފެން ބަންދުކުރާ ފެކްޓްރީ އިފްތިތާހް ކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ފެންނަމުންދަނީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދެމުންދާ މަންޒަރު ކަމަށާއި އަދި ރައްޔިތުން އެކަންތައްތައް ބަލައިގަންނަމުންދާ މަންޒަރު ކަމަށެވެ. އަދި ހަމައެއާއެކު މި ސަރުކާރުން ކުޅުދުއްފުށީގައި ހިންގާ މަޝްރޫއުތައް ބަލައިގަނެ ރައީސް ޔާމީނާއެކު ތަރައްގީގެ މަގުގައި ކުރިއަށްދާން ކުޅިދުއްފުށި ރައްޔިތުން ތައްޔާރަށް ތިބި ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
"ކުޅުދުއްފުށީ ރައްޔިތުން މިތިބީ ތަރައްގީއަށް ފެން ބޮވައިގެންފައި. ރައްޔިތުން ދެކެމުން އައި އެއާޕޯޓުގެ ހުފަވެން މިއަދު ހަގީގަތަކަށްވެ، ތަރައްގީގެ ފުރުސަތުތައް އިންތިހާ އަށް ހުޅުވިގެން މިދަނީ. އޭގެތެރެއިން ވެސް އަޅުގަނޑު ފާހަގަކުރަން ރައީސް އަބްދުﷲ ޔާމީން މިއަދު އިފްތިތާހުކޮށްދެއްވާ އެއާޕޯޓާ އެކު ރައްޔިތުންނަށް އެތައް އުފަލެއް ލިބިގެންދާނެ ކަން" މިނިސްޓަރު ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް ފައިދާވާނެ އެއާޕޯޓެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެ ރަށުގައި މިއަދު މަސައްކަތް ފެށި ފުޅީގައި ފެން ބަންދުކުރާ ކާރުހާނާއަކީ ވެސް މުޅި ސަރަހައްދަށް އަމާޒުކޮށްފައިވާ ތަނެއް ކަމަށެވެ.
ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެރަށުގެ އެއާޕޯޓު އެޅުމުގެ ރަސްމީ މަސައްކަތް މިއަދު ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. ކުޅުދުއްފުށީ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އަށެވެ. ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ 12 ވަރަކަށް ހެކްޓަރުގެ ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް ރާއްޖޭގެ 13 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ކުޅި ހިއްކަން މިއަދު ރަސްމީކޮށް ފަށާއިރު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުޅުދުއްފުއްޓަށް ނިސްބަތްވާ ބައެއް ޒުވާނުންނާއި ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުން ކުޅި ސަރަހައްދުގައި ހާއްސަ ހަރަކާތެއްވެސް ހުކުރު ދުވަހު ހަވީރު ވަނީ ބާއްވާފަ އެވެ. އެހެން ނަމަވެސް ކުޅި ހިއްކާލުމަށް އެމްޓީސީސީގެ މަހާޖައްރާފު ވެލިބަރުކޮށް ތައްޔާރުވުމުން، ހުކުރު ދުވަހު ކުޅުދުއްފުށީ އަންހެނުން ވަނީ ފަރިވަޅު ހިފައިގެން ޖައްރާފަށް ވެސް ގޮސްފަ އެވެ.
މިއަދު ކުޅުދުއްފުށީގައި އިފްތިތާހް ކުރެވުނު ފުޅީގައި ފެން ބަންދުކުރާ ފެކްޓްރީން 330 އެމްއެލް، 1.5 އެމްއެލް އަދި 500 އެމްއެލްގެ ފެން ފުޅި އުފައްދާނެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެ އެވެ. އަދި ގަޑިއަކު 10،000 ފުޅި އުފައްދާއިރު މި އަންނަ އަހަރުގެ ތިންވަނަ ކުއާޓަރު ނިމޭއިރު ފަސް ލީޓަރުގެ ފެން ފުޅީގައި ބަންދުކުރެވޭނެ އިންތިޒާމު އެ ކާރުހާނާގައި ހަމަޖައްސާނެ ކަމަށްވެސް އމްޑަބްލިއުއެސްސީއިން ބުނެ އެވެ.
ކުޅުދުއްފުށީގެ މި ޕްރޮޖެކްޓަށް ޖުމްލަ 30 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން ވަނީ ބުނެފަ އެވެ.
މަޝްރޫއުތައް ބަލައިގަނެ ކުޅުދުއްފުށި ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ