އިންޑިއާ ރައްޔިތުން ގެންދިޔުމަށް އެޤައުމުގެ އަސްކަރީ މަނަވަރު ޖަލަޝްވާ މިއަދު ރާއްޖެ އަތުވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ މީހުންގެ ތެރެއިން އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުން ބަލައި އިންޑިއާގެ އަސްކަރީ މަނަވަރު ޖަލަޝްވާ ހަތަރު ވަނަ ފަހަރަށް ރާއްޖެ އަތުވެެޖެއެވެ.
މިހާތަނަށް ކަނޑުމަގުން ދެހާހަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ވަނީ އެނބުރި ޤައުމަށް ގޮސްފައެވެ.
ކޯވިޑް ނަވާރައިގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ދަނީ ރާއްޖޭގައި ތާށިވެފައި ތިބި އިންޑިއާ މީހުން އިންޑިއާއަށް ފޮނުވައި އަދި އިންޑިއާގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތުގެ ތެރެއިން ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިޔުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރުން ލަންކާގައި ތިބި އިންޑިއާ 700 ރައްޔިތުންވެސް އަނބުރާ ޤައުމަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މިމަސައްކަތުގެ ތެރެއިން ރާއްޖެ އާއި ލަންކާގައި ހުންނަ އިންޑިއާގެ މިޝަންތަކުން ވަނީ އެނބުރި ޤައުމަށް ދާން ބޭނުންވާ މީހުންގެ ލިސްޓެއް ވަނީ ތައްޔާރުކޮށްފައެވެ. މިގޮތުން މިމަނަވަރުގައި ދަތުރުކުރާ މީހުން އިންޑިއާގެ ޓުޓުކުރިން މިމީހުން ގެންދިޔުމަށް ނިންމާފައިވާއިރު ދަތުރުމަތީގައި ބޭނުންވާ ޒަރޫރީ ހުރިހާކަމެއް އިންޑިއާ ސަރުކާރުން ހަމަޖައްސަވާނެކަމަށް އިންޑިއާއިން ވިދާޅުވެއެވެ.
އަދި ރާއްޖެއާއި ލަންކާއިން އެޤައުމަށްދާ އެޤައުމުގެ ރައްޔިތުންވެސް އެނބުރި ގެންގޮސް ސިއްޙީ ދާއިރާގެ ކަމާ ގުޅުންހުރި ފަރާތްތަކާއި ޙަވާލުކުރުމަށް އިންޑިއާ ސަރުކާރުންވަނީ ނިންމާފައެވެ. މިއީ މިގޮތުން އިންޑިއާ ރައްޔިތުން އެނބުރި ޤައުމަށް ގެންދިއުމަށް އަސްކަރީ މަނަވަރު ޖަލަޝްވާ ރާއްޖެއަށް އައި ހަތަރު ވަނަ ބުރެއެވެ.
އިންޑިއާ އަދި ރާއްޖޭގެ ސަރުކާރުގެ މިމަސައްކަތުގެ ދަށުން މިހާތަނަށް ވަނީ އިންޑިއާގެ ދެހާހަށްވުރެ ގިނަ ރައްޔިތުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ. މިގޮތުން މިއަދުވެސް އިންޑިއާ ހައިކޮމިޝަނުން ވަނީ އިންޑިގޯ އެއަރލައިން މެދުވެރިކޮށް ރާއްޖޭގައި މަސައްކަތްކުރަން އުޅުނު އިންޑިއާ ރައްޔިތުންތަކެއް ވަނީ އެނބުރި ޤައުމަށް ގެންގޮސްފައެވެ.
ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގިނަ ޢަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރުން ބަންގުލަދޭޝްއަށް ނިސްބަތްވާ އެތައްހާސް ބިދޭސީންނެއް ކުރިއަށް އޮތް ދުވަސްތަކުގައި ފޮނުވާލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މީގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ