ގާސިމް އިބްރާހީމް ބޭސްފަރުވާއިން މަހުރޫމްކުރާ މައްސަލަ އެޗުއާރުސީއެމަށް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރެއްހާއިރު ދިމާވި ކުއްލި އާލާސްކަންފުޅާ ގުޅިގެން އޭޑީކޭގެ އައިސީޔޫގައި މިވަގުތު ފަރުވާދެމުންދާ ގާސިމް އިބްރާހީމްގެ ހާލުކޮޅު ދުވަހަކަށްވުރެ ދުވަހެއް ދަށްވެ، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވައި، އެމަނިކުފާނަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މިއަދާ ހަަމައަށްވެސް ލިބިވަޑައިގެންފައި ނުވާތީ، އެމައްސަލަ މިހާރު ވަނީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ. އެކޮމިޝަނަށް ލިބޭ ގާނުނީ ބާރުގެ ދަށުން އެމައްސަލައާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ގާސިމްގެ ވަކީލުން ވަނީ އެކޮމިޝަނުގައި އެދިފައެވެ.
އެމަނިކުފާނުގެ ވަކީލުންގެ ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ނައްސުގައި ހަމަކޮންމެ މީހަކަށްމެ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެހައްގަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާސިމް އިބްރާހީމަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަކަމާއެކު ލިބެންޖެހޭ ހައްގެއް ކަމަށެވެ.
"ނަފުސު ރައްކާތެރިކުރުމުގެ ހައްގުން ގާސިމް އިބްރާހީމް މަހުރޫމް ކުރެވިފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅާމެދު ނަގަންޖެހިދާނެ ޒިންމާއަކަށް ޖެހިލުންވުމެއްނެތި، ދުސްތޫރީ ހައްގުތައް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމާއި އިންސާނީ ކަރާމާތާއި ހަމަހަމަކަން ނެގެހެއްޓުމަށް ގާނޫނުއަސާސީން އެބަޔަކާ މަތިކޮށްފައިވާ ފަރާތްތައް ޒިންމާދާރުކަމާއެކު އެވާޖިބު އަދާކުރުމަށް ގޮވާލަމެވެ" ގާސިމް އިބްރާހީމްގެ ވަކީލުންގެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ގާސިމް އިބްރާހީމާއިމެދު އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމާއެކު މުއާމަލާތުކުރުމަށާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް އެމަނިކުފާނަށް ތަނަވަސްކޮށްދިނުމަށާއި، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނާމެދު ކަންތައްތައް ކުރުމަށާއި، އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދިނުމަށް ވެސް ވަކީލުންގެ ޓީމުން ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމުގައި ގާނޫނީގޮތުން ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އާއިލާއަށް ފުރިހަމައަށް އެއްބާރުލުންދީ، އެމަނިކުފާނުގެ ހައްގުތައް ކަށަވަރުކޮށްދިނުން އެދި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގާނޫނުއަސާސީން އެކަށައަޅާފައިވާ މިނިވަން މުސްތަގިއްލު ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފައި ވެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުގައާއި ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގައިވެސް ވަނީ އެދިފައެވެ. އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ގާސިމް އިބްރާހީމްގެ ޕާސްޕޯޓު ހިފަހައްޓަފައިވާއިރު، ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެއްދުމަށާއި ރާއްޖެއިން ލިބެން ނެތް ފަރުވާތަކެއް ހޯއްދެވުމަށް އެމަނިކުފާނު ވީހާވެސް އަވަހަކަށް ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިންނާއި ވަކީލުން ވަނީ ބުނެފައެވެ.
ގާސިމް އިބްރާހީމްގެ ސިއްހީ ހާލުކޮޅު ގޯސްވެ އެމަނިކުފާނު އޭޑީކޭގައި އެޑްމިޓް ކުރެވުނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ. އޭގެ ކުރިން މެޑިކާ ހޮސްޕިޓަލުގައި ވެސް އެޑްމިޓްކޮށް އެމަނިކުފާނަށް ވަނީ ފަރުވާ ދީފައެވެ. މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމާއެކުވެސް ވީހާވެސް އަވަހަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރު ލަފާދެއްވުމުން އެރޭ ސިންގަޕޫރަށް ފުރާވަޑައިގަތުމަށް އެމަނިކުފާނު އެއާޕޯޓަށް ވެސް ވަޑައިގަތެވެ. ނަމަވެސް އެމަނިކުފާނުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެންގީ އެއާޕޯޓަށް ވަޑައިގަތުމުންނެވެ. ބޭރަށް ފުރާވަޑައިނުގަނެވުމުން އެނބުރި މާލެ ވަޑައިގަތް ތަނުން އަނެއްކާވެސް އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ އެމްބިއުލާންސްގައެވެ. އަދި ފުރަތަމަ އޭޑީކޭގެ އޮބްޒަވޭޝަންގައި ފަރުވާދިނުމަށްފަހު އައިސީޔޫގައި ފަރުވާދެމުން އަންނަތާ މިއަދަށް ވަނީ ހަދުވަސް ވެފައެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވާތީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަނެވޭ ގޮތް ނުވުމުން އޭޑީގެ އައިސީޔޫގައި އެމަނިކުފާނަށް ފަރުވާދެމުން އަންނައިރު މިމައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމަކީ މަދަނައާއި އާސަންދަ ފަދަ ސްކީމްތައް ތައާރަފުވުމުގެ ކުރިން ފެށިގެން ދިވެހި އެތައް ރައްޔިތަކަށް އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި ބޭސްފަރުވާ ލިބޭނެގޮތް ހަމަޖައްސަވައިދެއްވާފައިވާ ބޭފުޅަކަށް ވީނަމަވެސް މިއަދު އެމަނިކުފާނަށް ބޭސްފަރުވާ ބޭނުންވި ވަގުތު އެ ފަރުވާއިން މަހުރޫމްވާން ޖެހުމަކީ ވަރަށް ހިތާމަވެރި ކަމެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ވެސް މީހުން ޚިޔާލުފާޅުކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ