ދިވެހި ދަރިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ މަތިވެރި މަސައްކަތުގެ ގޮތުގައި ދެކެވަޑައިގެން އެންމެ ޝައުގުވެރިކަމާ އެކު ކުރައްވާ މަސައްކަތް ކަމަށް ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވި މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ވިލާ ކޮލެޖުގެ ގުރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވިދާޅުވީ ހަޔާތުން ހޭދަވާ ކޮންމެ ދުވަހަކީވެސް އެމަނިކުފާނު މުހިއްމު ނިންމުންތަކެއް ނިންމަވާ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ނިންމެވުނު އެންމެ މުހިއްމު އަދި އެންމެ ކާމިޔާބު ނިންމެވުމަކީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ފަދަ ތައުލީމީ ދާއިރާގެ ގާބިލް ބޭފުޅަކާ އެކު ވިލާ ކޮލެޖު ވުޖޫދަށް ގެނެވުން ކަމަށްވެސް ވިދާޅުވި އެވެ.
"ޑރ. އަހުމަދު އަންވަރުގެ ބެއްލެވުމުގެ ދަށުން ވިލާ ކޮލެޖު ހިންގައި ތަރައްގީ ކުރުމަކީ އަޅުގަނޑަށް ނިންމެވުނު އެންމެ ކާމިޔާބު ނިންމެވުން. ޑރ. އަންވަރަކީ ތައުލީމާއި ތަޖުރިބާގެ ބޮޑު ހަޒާނާއެއް. ދިވެހިރާއްޖެގެ ކޮންމެ ރަށަކަށް އެތައް ފަހަރަކު ވަޑައިގެން ދިވެހިންގެ ހާލަތު ވަރަށް ރަނގަޅަށް ބައްލަވާފައިވާ ބޭފުޅެއް [ޑރ. އަންވަރަކީ]. އެކަމުގެ ހެކި ރާއްޖެގެ ހުރިހާ ކަންކޮޅަކުންވެސް ފެންނަމުންދޭ. މާލެގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިލާ ކޮލެޖުގެ އެކި ކެމްޕަސްތައް ހުރުން އެއީ އެކަމުގެ ހެއްކެއް،" ވިލާ ކޮލެޖުގެ ރެކްޓާ އަންވަރަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު ވިލާ ކޮލެޖަށް 11 އަހަރު ފުރިފައިވާއިރު އެމަނިކުފާނު އެ ކޮލެޖާއި މެދު ދެކޭ ވަރަށް ފޮނި ހުވަފެންތަކަކާއި ކުރައްވާ އުއްމީދުތަކެއްވާ ކަމަށެވެ. އެގޮތުން ވިލާ ކޮލެޖާ މެދު މިހާރު ކުރައްވާ އެންމެ ބޮޑު އުއްމީދަކީ ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ އުއްމީދު ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަކީ ކުރެވޭ އެންމެ މަތިވެރި މަސައްކަތް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ