2018 ވަނަ އަހަރުގެ މިނިވަން ދުވަހަށް ބުރިޖު ހުޅުވުމުގެ މަސައްކަތް ކުރަނީ
މާލެއާ ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް މުޅިން ނިންމައި، 2018 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ކޮންޓްރެކްޓަރުން މަސައްކަތް ކުރަމުން ދަނީ އެ އަހަރުގެ މިނިވަން ދުވަހަށް ބުރިޖު ހުޅުވަން ކަމަށެވެ. މިހާރުވެސް މަސައްކަތް ކުރިއަށް ދަނީ، ތާވަލަށް ވުރެ ބާރަށް ކަމަށާއި، އެހެންކަމުން އަދިވެސް އަމާޒަކީ ޖުލައި 26 ގައި ބުރިޖު ހުޅުވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ޖުލައި 26 އަށް ބުރިޖު ނުނިމުނު ނަމަވެސް އެ އަހަރުގެ އޯގަސްޓު ނުވަތަ ސެޕްޓެމްބަރުގެ ތެރޭގައި ބުރިޖު ހުޅުވި ބޭނުންކުރަން ފެށޭނެ ކަމަށެވެ. ބުރިޖުގެ މަސައްކަތްތައް ކުރިއަށް ދަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ "މިހާރު ތާވަލް ކުރެވިފައިވާ ގޮތުން ނަމަ، އޯގަސްޓު ސެޕްޓޭމްބަރު މަހުގެ ތެރޭގައި އެންމެ ލަސްވެެގެގެން ބުރިޖުގެ މަސައްކަތް ނިމޭނެ. އެހެން ނަމަވެސް ކޮންޓްރެކްޓަރު މަސައްކަތް ކުރަމުން ދަނީ ޖުލައި 26، މިނިވަން ދުވަހަށް ޕްރޮޖެކްޓު ނިންމާ ރައްޔިތުންނަށް ހަވާލު ކުރުމަށް. އެއަށް ވަގުތުކޮޅެއް ލާފައި ދެ މަސް އިތުރުކޮށްފައި މި ކިޔަނީ. އެކަމަކު ޓާގެޓަކީ ޖުލައި 26. އެއީ ހާސިލް ކުރެވޭނެ ކަމެއް ކަމަށް ބަލަނީ،" މުއިއްޒު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބުރިޖުގެ މަސައްކަތް ނިމި، މާލެ-ހުޅުލެ-ހުޅުމާލެ އެއްފަސްވެގެން ދިއުމުން، އެކަމުގައި ފައިދާ ދިވެހި ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. ބުރިޖުގެ ފައުންޑޭޝަން މަސައްކަތް ކުރުމަށްޓަކައި އަޅަން ޖެހޭ ޕްލެޓްފޯމުތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އެޕްލެޓްފޯމްތައް ބޭނުންކޮށް ކުރިއަށްއޮތް ޖުލައި ނުވަތަ އޮގަސްޓް ހިސާބުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށް ހައުސިން އިން ބުންޏެވެ. މެއިން ބުރިޖުގެ މަސައްކަތް ކުރުމަށް ހަދާ ވަގުތީ ޕްލެޓްފޯމަށް ބޭނުންވާ ޕައިލްގެ ތެރެއިން މިހާރު ތިން ޕައިލް ވަނީ ޖަހާ ނިމިފަ އެވެ. މުޅިއަކު 20 ޕައިލް ޖަހަން ޖެހޭ އިރު، ފަސް ޕްލެޓްފޯމް ގާއިމު ކުރުމަށް ދެން ޖަހަންޖެހޭ ޕައިލްތައް އަންނަ މެއި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ހައުސިން އިން ބުނެ އެވެ. "ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެންނާނެ ތަނބުތަކުގެ މަސައްކަތް ކުރިއަށް ދާތަން. ތަނބުތަކަކީ ވަރަށް ގިނަ މަސައްކަތްތަކެއް ހިމެނޭ ކަމެއް. ކޮންމެ ތަނބެއްގައި ހިމެނޭނެ އެވްރެޖްކޮށް ހަތް ޕައިލް،" މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ކޮންކްރީޓާއެކު ހުރިހާ ޕައިލްތަކުގެ މަސައްކަތް އެކީގައި ނިންމާލެވޭނެ ކަމަށެވެ. ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބުރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބްރިޖްގެ މަސައްކަތް މުޅިން ނިއްމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ