ފިލްމީ ތަރިން ޗުއްޓީއަށް ފުރާތީ ނަވާޒުއްދީން ރުޅިގަދަވެއްޖެ

ސާރާ އަލީ ހާން އާއި ޓައިގާ ޝްރޮފް، ޑިޝާ ޕަޓްނީ، ޖާންވީ ކަޕޫރު، އާލިއާ ބަޓް، ރަންބީރު ކަޕޫރު ފަދަ ގިނަ ފިލްމީ ތަރިންތަކެއް ޗުއްޓީ ހޭދަ ކޮށްލަން ރާއްޖެ އައުމުން އެކްޓަރު ނަވާޒުއްދީން ސިއްދީގީ ރުޅި ގަދަ ވެއްޖެ އެވެ.
އޭނާ ބުނާ ގޮތުގައި ދުނިޔޭގެ އެއްވެސް ގައުމެއްގައި ކޮވިޑް-19 އިގެ ހާލަތު ގޯސް ނުވާ މިންވަރަށް އިންޑިއާގެ ހާލަތު ގޯސްވެ އެތައް މިލިއަން ބަޔަކު ބައްޔާ ހަނގުރާމަ ކުރަމުންދާއިރު އަދި ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު މަރުވަމުން ދާއިރު ފިލްމީ ތަރިން އަގު ބޮޑު ރީތި މަންޒިލުތަކަށް ޗުއްޓީ ހޭދަކުރަން ދާން ލަދުގަންނަން ޖެހޭނެ އެވެ.
"މީހުންތައް ބަލިވެ، އެއްބަޔަކު މަރުވެ، އަނެއް ބަޔަކު އެމީހުންގެ އެންމެ ލޯބިވާ މީހުން މަރުވެގެން ހިތާމައިން ފޯވެފައިވާއިރު އަދި އަނެއްބަޔެއްގެ މުޅި ދިރިއުޅުން ފުނޑުފުނޑުވެފައިވާއިރު އިންޑިއާގެ ފަންނާނުން ބިޒީކޮށް އުޅެނީ ޗުއްޓީގައި ތަންތަނަށް ގޮސް ރީތި ފޮޓޯތައް ނަގައި އިންސްޓަގްރާމަށް ލުމުގައި،" ނަވާޒުއްދީން ބުނެފައި ވެއެވެ.
މިކަންކަން ހުއްޓާލައި ހާލުގައި ޖެހިފައިވާ މީހުންނަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލުމަށް ފިލްމީ ތަރިންގެ ކިބައިން ނަވާޒު ވަނީ އެދިފަ އެވެ.
"ދިވެހިރާއްޖެއަކީ އެމީހުން މަޖާކުރާ ތަނަކަށް ވަނީ ހަދާފައި. ނޭނގެ ޓޫރިޒަމް އިންޑަސްޓްރީ އާއި ފިލްމީ ތަރިންގެ ރޭވުމަކީ ކޮބައި ކަމެއް. ނަމަވެސް އިންސާނިއްޔަތަށްޓަކައި ބުނަން މިފަދަ ޗުއްޓީތައް ޒާތީ ކަމެއްގެ ގޮތުގައި ބާއްވާ. ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާކޮށްގެން އެހެންމީހުން ހިތްދަތި ކުރަން ނުހަދާ. މި ތަނުގައި ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ވަރަށް ހާލުގައި މީހުން ތިއްބާ. ކޮވިޑް ކޭސްތައް އެތައް ގުނައަކަށް އިތުރުވަމުން ދަނީ. ތަންކޮޅެއް ހިތް މައިތިރިކޮށް މިކަމާ ދޭތެރޭ ވިސްނާލަބަލަ،" ނަވާޒުއްދީން ބުންޏެވެ.
ނަވާޒުއްދީން ބުނި ގޮތުގައި ދުނިޔެ ދުވަހަކު ވެސް ދެކިފައި ނެތް ވަރުގެ ހާލަތަކަށް ކަންކަން ގޮސްފައިވާއިރު ވެސް ފިލްމީ ތަރިން އުޅެނީ އެމީހުންގެ ޗުއްޓީގެ ރީތި މަންޒަރުތައް ޝެއާ ނުކުރެވިގެނެވެ.
"މީހުންގެ އަތުގައި ބަނޑުފުރާނަ މުއްތި ކުރާނެ ފައިސާވެސް ނެތް. އެކަމަކު އެ މީހުން [ފިލްމީ ތަރިން] ފައިސާތައް އުކަނީ. ލަދެއް ވެސް ނުގަނޭތަ؟" ނަވާޒުއްދީން ބުނެފައި ވެއެވެ.
ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ޕްލޭނެއް އޭނާގެ ނެތްތޯ ނޫސްވެރިއަކު ނަވާޒުއްދީނާ ސުވާލު ކުރި އެވެ. ވަރަށް އަވަސް އަރުވާލާފައި ޖަވާބު ދެމުން ނަވާޒުއްދީން ބުނީ އެފަދަ ކަމެއް ކުރަން ހިޔާލު ވެސް ނުކުރާ ކަމަށެވެ.
"ނޫޅެން. އަހަރެން މިހިރީ އަހަރެންގެ އަމިއްލަ ރަށް، ބުދާނާގައި އާއިލާއާއެކު. އެއީ އަހަރެންގެ 'މޯލްޑިވްސް' އަކީ،" ނަވާޒުއްދީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ