ވަށަފަރާއި އިންނަމާދޫ ގޮނޑި ކާމިޔާބުކުރި ދެބޭފުޅުންނަން މައުމޫން ތަހުނިޔާ ދަންނަވައިފި

ހއ.ވަށަފަރާއި ރ.އިންނަމާދޫ ކައުންސިލްގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް ބޭއްވި ދެބައި އިލެކްޝަން ވެސް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކާމިޔާބުކުރުމާއި ގުޅިގެން އެދެގޮނޑި ކާމިޔާބުކުރި ދެބޭފުޅުންނަށް ކުރީގެ ރައީސް އަދި އެޕާޓީގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަހުނިޔާ ދަންނަވައިފި އެވެ.
ޕީޕީއެމްއިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މި ދެ އިންތިހާބު ކާމިޔާބުކުރެއްވި މުޙައްމަދު ވަޙީދު ޙަސަންއަށާއި އިބްރާހިމް ނުހާންއަށް ތަހުނިޔާ ފޮނުއްވާފައިވާ ކަމަށެވެ. މީގެތެރެއިން ވަށަފަރު ކައުންސިލް ގޮނޑި ކާމިޔާބުކުރީ މުހައްމަދު ވަހީދު ހަސަން އެވެ. އިބްރާހިމް ނުހާން ކާމިޔާބުކުރެއްވީ އިންނަމާދޫ ކައުންސިލް ގޮނޑި އެވެ.
އެބަޔާނުގައި އިތުރަށް ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުންގެ އިތުރުން އެދެރަށުގެ ރައްޔިތުންކޮށްދެއްވި ތާއީދަށްޓަކައި ވެސް މައުމޫން ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވަށަފަރުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓު މުޙައްމަދު ވަޙީދު ޙަސަން އަށް ލިބިވަޑައިގެންފައިވަނީ 251 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު މުޖުތަބާއަށް ލިބިވަޑައިގެންފައިވަނީ 123 ވޯޓެވެ. އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް ނާދިރުއަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ.
އިންނަމާދޫ ރަށު ކައުންސިލްގެ ވަގުތީ ނަތީޖާއަށް ބަލާއިރު ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހިމް ނުހާންއަށް ލިބިވަޑައިގެންފައިވަނީ 228 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު ހުސެއިން ޝާފިއުއަށް ލިބިވަޑައިގެންފައިވަނީ 177 ވޯޓެވެ.
ޕީޕީއެމް އުފެދުނު ފަހުން ބޭއްވި 16 ބައި އިލެކްޝަންގެ ތެރެއިން 13 ބައި އިލެކްޝަން ޕީޕީއެމްއިން ކާމިޔާބުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ