ކުރިޔަށް އޮތް 6 ގަޑިއިރު އުތުރު ރަށްތަކުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިޔަށް އޮތް 6 ގަޑިއިރު އުތުރު ރަށްތަކުގެ ރައްޔިތުން ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ރަށްތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކުރިޔަށް އޮތް 6 ގަޑިއިރު ގަދަވަޔާއެކު ބޯކޮށް އުތުރުގެ ރަށްތަކަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅު ތަކަށް ވެސް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެ ވެސް މެޓް އޮފީހުން ބުންޏެވެ.
''އަޅުގަނޑުމެން ދަންނަވަން ބޭނުންވަނީ ކުރިޔަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ރަށްތަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް، ނަމަވެސް ކުރިޔަށް އޮތް 6 ގަޑިއިރު ކޮޅިގަނޑުގެ ބޭންޑްތައް އެޅުމުން އުތުރަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ'' މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދަށް 25-35 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާ ކަމަށާއި ވިލާގަނޑުގައި 50-60 ކިލޯ މީޓަރު ބާރުމިނުގައި ވައިޖެހޭނެ ކަމަށްލަފާ ކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް ކަނޑު ގަދަވާނެތީ ދަތުރު ނުކުރުމަށް ވެސް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާއަށް އަރަންދިޔަ ތޫފާނުގެ މިސްރާބު އިންޑިއާއަށް ބަދަލުވެފައިވާއިރު މެޓުން ބުނީ ''ނީލަމް''ގެ ނަން ދީފައިވާ ތޫފާނުގެ ސަބަބުން 70 -80 މޭލު މާރުމިނުގައި މިހާރު އެސަރަހައަދަށް ވައިޖެހެމުންދާ ކަމަށެވެ.
އިންޑިއާއިން މިހާރު ވަނީ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން ޓެމިލް ނާޑޫ އާއި އަންދްރަ ޕްރަދޭޝް ކުއްލި ހާލަތަށް ގެނެސްފައެވެ. މި ތޫފާން އިންޑިއާގެ ޓެމިލް ނާޑޫއާ ހަމަ އަށް ފޯރާނީ މާދަމާގެ ވަގުތެއްގައި ކަމަށް ލަފާކުރެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ