ރައްޔިތުން ވޯޓު ދެއްވަން ޖެހޭނީ ޕީޕީއެމަށް: ރައީސް މައުމޫނު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވޯޓުދޭން ޖެހޭނީ ޕީޕީއެމަށް ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ރޭ ށ.ފުނަދޫގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ އަބަދު ވެސް އޮންނާނީ ދެގޮތް ކަމަށާއި އެއީ ރަނގަޅު ގޮތާއި ނުބައި ގޮތް ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ރަނގަޅު ގޮތަކީ ޕީޕީއެމްގެ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ވޯޓު ދެއްވުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ހިޔާރު ކުރަންވާނީ، ހިޔާރު ކުރަން ޖެހޭނީ އަޅުގަނޑުމެންގެ މުސްތަގުބަލައްޓަކާ، އަޅުގަނޑުމެންގެ ދީނައްޓަކާ، އަޅުގަނޑުމެންގެ ގައުމައްޓަކާ ހިޔާރު ކުރަން ޖެހޭނީ ރަނގަޅު މަގޭ އެއީ ޕީޕީއެމު ދައްކާ މަގޭ، އެހެންވީމާ ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ވޯޓު ދެއްވަން ޖެހޭނީ ޕީޕީއެމްގެ ކެންޑިޑޭޓު އަލްފާޟިލު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމަށާއި، އެމަނިކުފާނުގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލު އަހުމަދަށެ،" ރައީސް މައުމޫނު ވިދާޅުވިއެވެ.
ރައީސް މައުމޫނު ވިދާޅުވީ ޔާމީނަށާއި ޖަމީލަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވަނީ ޕީޕީއެމު ކުރިއަށް ގެންދެވުމަށް ނޫން ކަމަށެވެ. ނަމަވެސް އެދެބޭފުޅުންނަކީ ގައުމު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ދެބޭފުޅުންނަށްވާތީ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރައީސް ކަމަށް ހޮވާ ފަރާތަކީ ގައުމު ކުރިއަށް ގެންދިއުމުގެ ތަސައްވަރާއި އެތަސައްވަރު ތަންފީޒު ކުރުމުގެ ގާބިލުކަން ހުރި ގައުމަށް އަމާނާތްތެރި ބޭފުޅަކަށް ވާން ޖެހޭ ކަމަށެވެ.
އަދި ޔާމީނުގެ އެޝަހްސިއްޔަތު އެބަހުރި ކަމަށާއި ޔާމީނަކީ އަމާނާތްތެރި ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި ޔާމީނުގެ ފަރާތްޕުޅުން ރައްޔިތުންނަށޑް ގެއްލުމެއް ލިބިފައި ނެތް ކަމަށާއި އެމަނިކުފާނުގެ ގާބިލުކަން މީގެ ކުރިން އަދާ ކުރެއްވި މަގާމުތަކުން ސާބިތުކޮށް ދެއްވި ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
ވާދަވެރިންނަށް ފާޑު ވިދާޅުވެ ރައީސް މައުމޫނު ވިދާޅުވީ އިނދިކޮޅު ފަރާތްތަކުގެ ތަޖުރިބާއާއި ގާބިލު ކަމެއް ނެތް ކަމަށާއި އޭގެތެރެއިން ބައެއް ބޭބޭފުޅުންނަކީ ގައުމު ފަހަތަށް ގެންދެވި ބޭފުޅުން ކަމަށެވެ. އެހެން ކަމުން އެފަރާތްތަކަށް ދެވޭ ވޯޓަކީ ބާތިލު ވޯޓެއް ކަމަށް ރައީސް މައުމޫނު ސިފަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ