ތަސްމީން އާއި އުމަރު އަކީ ރައްޔިތުން ބަލައިގަންނަ ބޭފުޅުންނެއް ނޫން: އަބްދުއްރަހީމް

ރައީސް ޑރ.މުހައްމަދު ވަހީދުގެ ރަނިން މޭޓް އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަހުމަދު ތަސްމީން އަލީ އާއި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފެއިލްވެވަޑައިގެންނެވި އުމަރު ނަސިރު އަކީ ރައްޔިތުން ބަލައިގަންނަ ބޭފުޅުންނެއް ނޫން ކަމަށާއި އެއީ ސިޔާސި ގޮތުން ފެއިލްވެވަޑައިގެންފައިވާ ދެ ބޭފުޅުންކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ދާދިދެންމެއަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް އަކީ އިންސާނިއްޔަތު ކަމެއް ނެތް މީހެއް ކަމަށް ތަސްމީން ވިދާޅުވާއިރު ތަސްމީންއަކީ އިންސާނިއްޔަތު ކަމެއްނެތް ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެފައިވާ ކަމަށެވެ.
"ރައީސް މައުމޫން ޑީއާރްޕީގެ ލީޑަރުކަން ތަސްމީންއަށް ދެއްވީމައި ރައީސް މައުމޫނަށް ތަސްމީން ކަންތައްތައް ކުރެއްވި ގޮތް ދިވެހި ރައްޔިތުންނަށް ފެނިފައިވާނެ،" ޕީޕީއެމްގެ ނާއިބު ލީޑަރ އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމާއަކީ ކުރިން ޔާމީން މުސާރަ ދެއްވައިގެން ގެންގުޅުއްވި ޔާމީންގެ ގާނޫނު ވަކީލާ ކަމަށާއި އެހެންކަމުން މިއަދުގެ ވޯޓާ އަކަމާ އަޅުވާ ނުކިޔުއްވޭނެ ކަމަށެވެ. އަދި ސަރުކާރުން ޕީޕީއެމްއަށް ޖެއްސުން ކުރަމުންދާ ކަމަށާއި އެގޮތުން ޕީޕީއެމްގެ މެމްބަރުން މަގާމުތަކުން ވަކިކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ސަރުކާރަށް ޖެއްސުން ނުކުރާ ކަމަށާއި މިވަގުތު އެންމެ އިސްކަންދެނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިތުރަށް އަބްދުއްރަހީމް ވިދާޅުވީ ރޭ ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގެން ޔާމީންއަށް ވޯޓު ނުދެއްވުމަށް އުމަރު ގޮވާލައްވާފައިވާތީ އެކަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އުމަރަށްވެސް އަދި އެއްވެސް ބޭފުޅަކަށްވެސް އަނެއް ބޭފުޅަކަށް ވޯޓު ނުދެއްވުމަށް ގޮވާ ނުލެއްވޭނެ ކަމަށާއި އެއަށްވުރެ އެބޭފުޅަކަށް އެބޭފުޅަކު ވޯޓު ހޯއްދެވުން މާމުހިއްމު ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޕީޕީއެމްގެ ރިޔާސީ ކެމްޕޭން ވަރަށް ފޯރިއާއެކު ކުރިއަށް ދާނެކަމަށާއި މިމަހުގެ 05 ވަނަ ދުވަހުން ފެށިގެން ވޯޓު ލާ ދުވަހާހަމައަށް ޕީޕީއެމްގެ ޓީމްތައް ރާއްޖޭގެ 20 އަތޮޅުގައި މެދުކެނޑުމެއްނެތި ކޭމްޕޭންގެ ކަންތައްތައް ކުރިއަށް ގެންދާނެކަމަށެވެ.
މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި އެއީ އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ހަމްދޫން ހަމީދުގެ މަންމާފުޅު މިއަދު އަވަހަރަފުޅު ވެފައިވާތީ ކަމަށެވެ. އެހެންކަމުން އަމްދޫންއަށާއި އެމަނިކުފާނުގެ އާއިލާއަށް ޕީޕީއެމްގެ ފަރާތުން، އެހިތާމާގައި ބައިވެރިވެ ތައުޒިޔާ ކިޔުއްވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ