ތިން ކުންފުންޏަކަށް ހަލާލް ސެޓްފިކެޓް ހަވާލުކޮށްފި

ރާއްޖޭގެ ތިން ކުންފުންޏަކުން އުފައްދާ މަހުގެ އުފެއްދުންތަކަށް ހަލާލް ސެޓްފިކެޓް ދޫކުރުމަށް ނިންމާ އެކުންފުނި ތަކަށް މިއަދު ހަލާލް ސެޓްފިކެޓް ހަވާލުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހަލާލް ސެޓްފިކެޓް ހަފާލުކުރި ކުންފުނިތަކަކީ ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަދި ހޮރައިޒޮން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް އެވެ. ފެލިވަރާއި މިފްކޯ އަކީ ސަރުކާރުން ސަތޭކަ ޕަސަންޓް ހިއްސާވާ ދެ ކުންފުންޏެވެ. ހޮރައިޒަން އަކީ ވިލާ ގުރޫޕުން ހިންގާ ކުންފުންޏެކެވެ.
ހަލާލް ސެޓްފިކެޓް މިއަދު ދޫކުރީ މިފްކޯ އިން އުފައްދާ މަހުގެ އުފެއްދުން ތަކުގެ ތެރެއިން 12 ބާވަތަކަށާއި، ފެލިވަރުން އުފައްދާ މަހުގެ އުފެއްދުން ތަކުގެ ތެރެއިން ފަސް ބާވަތަކަށާއި އަދި ހޮރައިޒަން އިން އުފައްދާ މަހުގެ އުފެއްދުން ތަކުގެ ތެރެއިން ތިން ބާވަތަކަށެވެ.
ކުންފުނިތަކަށް ހަލާލް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މަހުގެ އުފެއްދުންތަކުގައި ބޭނުންކުރާ ބާވަތްތަ ތަކަކީ އިސްލާމުންގެ ކެއުމަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެންކަން ހަލާލް ލޯގޯއިން ރަމްޒުކޮށްދޭ ކަމަށެވެ.
މިގަރުނުގައި ވިޔަފާރީގެ މުއާމަލާތްތަށް ހިންގަމުން ދާއިރު ހަލާލް ސެޓްފިކެޓަށް ސެލިއުޓްކުރަނީ ހަމައެކަނި މުސްލިމުން ނޫން ކަމަށާއި މުޅިދުނިޔެެ ވެސް މިއަދު ހަލާލް ސެޓްފިކެޓަށް ސެލިއުޓް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ހަލާލް ސެޓްފިކެޓް ދޫކުރުމަށް އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމާއި ގުޅޭ މުއައްސަސާތަކުން ކުރި މަސައްކަތްތައް އަޅުގަނޑު ޝުކުރުވެރިކަމާއެކު ފާހަގަކުރަން. އަދި އެފަރާތްތަކަށް ޝުކުރު އަދާކުރަން،" މުހައްމަދު ސައީދު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަދަކީ ދިވެހި ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި ހަލާލް ސެޓްފިކެޓް ދޫކުރަން ފެށުމަކީ އިސްލާމިކް މިނިސްޓްރީގެ ކާމިޔާބުގެ ތެރެއަށް އިތުރުވެގެންދާ ވަރަށް މުހިންމު ސޮފްހާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތަކީ މީގެ ހަ އަހަރު ކުރިން، ފެށިގެން އެކި މަރުހަލާ ތަކުގައި ބުރަ މަސައްކަތްތަކެއް ކުރެވި މިއަދު ހަގީގަތަކަށް ހެނދުނު ކަމެއް ކަމަށެވެ.
"މިކަންތައް ހަގީގަތަކަށް ވެގެން މިދިޔައީ ވަރަށް ގިނަ ބައެއްގެ މަސައްކަތްތަކަށްފަހު. ހަ އަހަރު ދުވަސްވަންދެން މި މަސައްކަތްތައް އެކި މިންވަރަށް ކުރެވިގެން މިކަން ހަގީގަތަކަށް މިވީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަލާލް ސެޓްފިކެޓް ލިބުނު ކުންފުނިތަކަށް ސެޓްފިކެޓް ހަވާލުކުރުމާއި، ހަލާލް ވޯކިން ގްރޫޕުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލާ އެރުވުމާއި އަދި ހަލާލް އެޝުއަރެންސް އޮފިސަރުންނަށް ސެޓްފިކެޓް ދިނުން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ